މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަތި ހާލަތުގައި، ބަލި ފެތުރުނަސް މުޒާހަރާ ކުރާނަމޭ ބުނެ މާލޭގެ މަގުތަކަށް ނުކުތީ އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން ކަމަށް، ކަނޑިތީމު ދާއިރާގެ މަޖިލިސް މެންބަރު އަމީން ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.

އެއްވެ އުޅުމާއި މުޒާހަރާ ކުރުމަށް ހުރަސް އެޅޭނެހެން މިހާރު އޮތް ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަމީން މިއަދު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައިސްފައިވަނީ ތާހިރުކޮށް ނޫން ކަމަށެވެ. އެގޮތުން އަމީން ވަނީ، ޑީއާރުޕީ، ޕީޕީއެމް، އަދި މިހާރުގެ ޕީއެންސީ ނިސްބަތްވާ ފިކުރަކީ އެކައްޗެއް ކަމަށް ވިދާޅުވެފައެވެ.

"އޭރުގަ ވެސް ބޮޑުންނަށް ތިބި މީހުން މިއަދު ވެސް ބޮޑުންނަށް ތިބީ އިއްޒަތްތެރި ރައީސް. އޭރުގެ ޑީއާރުޕީ، ދެން ޕީޕީއެމް، ޕީއެންސީ. މި ހާވަނީ އިއްޒަތްތެރި ރައީސް ހަމަ އެކައްޗެއް." އަމީން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު އަމީން ވިދާޅުވީ، ކޮވިޑް ދުވަސްވަރު އެޗްޕީއޭއިން ނެރުނު ބަޔާންތަކާއި އިންޒާރުތަކަށް ބެލުމެއްނެތި ކުރި މުޒާހަރާތަކުގެ ކުރީ ސަފުގައި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ހުންނެވި ކަމަށެވެ.

"ކޮވިޑުގެ ދަތި ހާލަތުގަ ތިބޭފުޅުންނެއް ނޫންތަ ބުނީ ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ؟ ރައީސް ނުހުންނަންތަ އެބޭފުޅުންނާ އެކީގަ؟ އެއީތަ ގައުމަށް ލޯބިވާ މެންބަރުންނަކީ؟ މިއަދު އަރާ އަޑުގަދަ ކުރެވިދާނެ. ހަގީގަތް، ތާރީހުން ފެންނަން އޮތީ ހަމަ އެއްގޮތަކަށް. ވަކި ތާހިރު ބައެއް ނޫނޭ ތި ޕީއެންސީ އަކީ." އަމީން ވަރަށް ހޫނު ރައްދެއް ދެއްވަމުން ވިދާޅުވިއެވެ.

އަމީން މިހެން ވިދާޅުވެފައިވާއިރު، ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ ގިނަ މެންބަރުން ވަނީ އެ ގާނޫނު އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މި ބިލު ހުށަހެޅުއްވި އެމްޑީޕީގެ މެންބަރު މީކާއިލް ނަސީމް ވަނީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތްއިރު އެ ގާނޫނު އުވާލަން އޭރުގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ބިލު ޕާކުކޮށްފައި ބޭއްވުމަކީ ގޯހެއްކަން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް