އެމްޑީޕީ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް
އެމްޑީޕީ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށިގެން ދިޔުމާއެކު މި ސަރުކާރުގެ މަޤުބޫލުކަން އޮތް މިންވަރު ސާފުކޮށް ހާމަވެގެންދާނެ ކަމަށް، އެމްޑީޕީ ގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ( ޝިއްޕެ) ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީ ގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ޝިފާޒް ( ޝިއްޕެ) ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމުން ދެ އަހަރުވީ މުޢިއްޒުގެ ސަރުކާރުގެ މަޤުބޫލް ކަން ހުރި މިންވަރު ހާމަވެގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން އެނގިގެންދާނީ ކެމްޕޭން ކުރުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ހަމަހަމަ އެކު ފުރުސަތު ދީގެން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޑްރަގްގެ މައްސަލަ ފަދަ ގައުމުގެ ހުރި މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވަމުން، ޝިފާޒް ވިދާޅުވީ މިވަގުތު މާލޭގައި "ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް" ނެތް ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެކަމަށް ޖޯކު ޖައްސަވައި ޝިފާޒް ވިދާޅުވީ އެއްވެސް ގޭންގެއް ނެތުމަކީ ލެއްވި ވަރަށް ބޮޑު ރަޙުމަތެއް ކަމަށެވެ. އެކަންކަން ފާހަގަކުރައްވައި ޝިފާޒް ވަނީ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މާލޭގެ ރައްޔިތުންނަކީ ނުވަތަ ދިވެހި ރައްޔިތުންނަކީ "ޣަމާރުން" ކަމަށް ހީކުރަނީތޯ ވިދާޅުވެ ސުވާލު އުފެއްދައްވާފައެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ މުހިންމުވަނީ އެ ސަބަބާއި ހެދި ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާޒް ވިދާޅުވީ މިދިޔަ އޮކްޓޯބަރު 3 ގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާއަށް ފަހު، ސަރުކާރުން މުޅި ރާއްޖޭގެ ރައްޔިތުން މާލެއަށް އަރުވައިގެން އެއްވުމެއް ބޭއްވޭތޯ ސަރުކާރުން މަސައްކަތްކުރިކަމަށާއި އެހެންނަމަވެސް އެ މަސައްކަތް ކާމިޔާބު ނުވީ ކަމަށެވެ.އެމްޑީޕީގެ ކުރީގެ ނާއިބް ރައީސް އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަށް "ޅޮސް އުދޯއްޏަށް" އެރިވަޑައިގެން ހުންނެވި އިރު ވެސް އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް ޖާގަ ދެނީ އުސޫލުތަކަށް ހިފަހައްޓާ ބޭފުޅުންނަށް ކަމަށާއި، ކައުންސިލްތައް ހިންގުމުގައި އަތް އުރާލައިގެން، ސަރުކާރަށް ސަނާކިޔައި، ސަރުކާރުން ބޭނުންވާ ކަންކަން ކުރާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ޝިފާޒް އިތުރަށް ވިދާޅުވީ ރައީސް ޑރ. މުޢިއްޒަށް ހަމަ ޗެލެންޖުކޮށް، މި އިންތިހާބުގައި އެމްޑީޕީން ނިކުންނާނީ އެ ޕާޓީ އުފަންކުރި ލާމަރުކަޒީ ނިޒާމު ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން އުފަންކުރި ނިޒާމެއް ކަމަށާއި، އެ ނިޒާމު "ފޮތިފޮތިކޮށްލާ"، އަތޮޅު ކައުންސިލް ފަދަ އެއްޗެހި އެއްފަރާތްކޮށްލުމަށް އެމްޑީޕީން ބަލަން ނުތިބޭނެ ކަމުގައި ޝިފާޒް ވިދާޅުވިއެވެ. މި އިންތިހާބުގައި ވޯޓަށް އެދި ނިކުންނާނީ މި ހުރިހާކަމެއް ބަދަލުކުރުމަށް ކަމަށާއި، ޑރ. މުޢިއްޒަށް ޗެލެންޖުކޮށްފައި މި އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީން ނިކުންނަންޖެހޭނެ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް