ހޯމް މިނިސްޓަރ އަލީ އިހުސާން-
ހޯމް މިނިސްޓަރ އަލީ އިހުސާން-
އޮޕަރޭޝަން އަލިމަގުގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ ޑްރަގްސް ހޯދާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އޮޕަރޭޝަން އަލިމަގަކީ ޑްރަގް ވިޔަފާރި ކުރާ ފަރާތްތަކާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހު ހެނދުނު މުޅި ރާއްޖެއަށް ނިސްބަތްވާ ގޮތަށް ފެށި ބޮޑު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި އެއްވަގުތެއްގައި 100 ތަން ފުލުހުން ބަލައިފާސްކޮށްފައިވާއިރު، މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވި ކަމަށް ފުލުހުން އޭރު ހާމަކުރިއެވެ.

މި އޮޕަރޭޝަނާ ގުޅޭ ގޮތުން މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު އިހްސާން ވިދާޅުވީ އަލިމަގު އޮޕަރޭޝަނަކީ 6 މަސް ދުވަހުގެ ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ.

އަދި އޮޕަރޭޝަން ނިމުނުއިރު ޖުމްލަ 110 މީހުން ހައްޔަރުކުރެވިފައިވާ ކަމަށާއި، މަސްތުވާތަކެތި ވިއްކާމީހުން ބޭނުންކުރަމުންދިޔަ އެކި ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަގުމަތީ އަގުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް