ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް ޞާލިޙް
ކުރީގެ ރައީސް ނަޝީދާއި، ކުރީގެ ރައީސް ޞާލިޙް
މުޅި އެމްޑީޕީ ޚަރާބުކުރެއްވީ ރައީސް ޞާލިޙް އާއި އެބޭފުޅާގެ އަރިސް ބޭފުޅުން ކަމަށާއި، ދެން ރަނގަޅުވާނީ ރައީސް ނަޝީދާއި، ރައީސް ޞާލިޙްވެސް 2028 ގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެހާރާއި މިހާރުގެ ގިނަ މެންބަރުން ތިއްބެވި ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގައި އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދުމަށް ކުރެވުނު މަސައްކަތާއި، އެކަމަށް އެމަނިކުފާނު ދޫދެއްވި މިންވަރު ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު މިހާރު ސާފުކޮށް ދެއްވާފައިވާ ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ޕާޓީ ޚަރާބުކޮށް ލެއްވުމުން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ 2023 ގެ ރިޔާސީ އިންތިޚާބާއި 2024 ގެ މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ގެއްލުނު ގޮތް ފައްޔާޒު ސާފުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ވާދަ ނުކުރައްވާ ގޮތަށް ދެ ފަހަރު އެއްބަސްވެފައި ވާނެ ކަމަށެވެ. ނަމަވެސް، ރައީސް ޞާލިޙާއި، ރައީސް ޞާލިޙްގެ އަރިސް ބޭފުޅުންވެސް ދެކިލެއްވީ ރައީސް ނަޝީދާ ނުލާވެސް އިންތިޚާބު ކާމިޔާބުވާނެ ކަމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"ޞާލިޙް އާއި ޞާލިޙްގެ އަރިސް ބޭފުޅުން ދެކިލެއްވީ އަޅުގަނޑާ ނުލާ ވެސް ކާމިޔާބުވާނެކަމަށް. މުޅި ތަން ޚަރާބުކުރީ ޞާލިޙް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މިހާރު އެމްޑީޕީ އަށާއި، ދިވެހިރާއްޖޭގެ އިސްލާޙީ ޙަރަކާތަށްވެސް އެންމެ ރަނގަޅު ގޮތަކީ 2028 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙާއި، ރައީސް ނަޝީދު ވެސް ވާދަނުކުރަށްވާ، އެންމެންވެސް އެމްޑީޕީގެ އެއް ކެންޑިޑޭޓަކަށް ތާއީދުކުރުން ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމުން ރޭ އިސްތިއުފާ ދެއްވަމުން ފައްޔާޒް ވިދާޅުވީ، 2023 ގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙާއި ކުރީގެ ރައީސް ނަޝީދު ވާދަކުރެއްވުމަކީ އެމްޑީޕީއާއި ގައުމަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާއަށް ފެނުމުން އެކަމުގައި މެދުމިނުގެ ޙައްލެއް ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.

އަދި ފަހުން ރައީސް ނަޝީދާ މަޝްވަރާކޮށް، ޕްރައިމަރީއެއް ނުބާއްވައި ރައީސް ޞާލިޙް ރިޔާސީ އިންތިހާބަށް ވާދަކުރުމަށާއި، އިންތިހާބުގެ ކުރިން ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމަށާއި، އެ އިންތިޚާބުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގަން އެއްބަސްވެވުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ނަމަވެސް، ޕާޓީގެ ބައެއް އިސް ފަރާތްތަކުން އެ އެއްބަސްވުމާ އެއްގޮތަށް ކުރިއަށް ނުދިޔުމަށް ނިންމި ކަމަށާއި، ޕްރައިމަރީ ނިމުނުއިރު އެތައް އަހަރެއްގެ މަސައްކަތް ބޭކާރުވެ، ރަހުމަތްތެރިންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލުނު ކަމަށް ފައްޔާޒު ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ އެތެރޭގައި ހަލަބޮލިކަން އުފެދިފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒް ވަނީ އިއުލާނު ކުރަށްވާފައެވެ. އަދި ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ފައްޔާޒަށް ތާއީދު ކުރަށްވާނެކަން ހާމަކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް