ނޭޝަނަލް ޑްރަގް އެޖެންސީ-
ނޭޝަނަލް ޑްރަގް އެޖެންސީ-
މަސްތުވާތަކެތީގެ މައްސަލައެއްގައި ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ގދ. ގައްދޫ އަށް ނިސްބަތްވާ، 42 އަހަރުގެ އިސްމާއިލް އަބްދުﷲ އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު ކަމުގެ ތުހުމަތެވެ. ކޯޓުގައި ފުލުހުން ބުނީ އޭނާ ވައްޓާލި އެއްޗެއް ނަގައި ބެލިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ސެލޯފޭންކޮޅެއް އޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

ކޯޓުގައި އޭނާގެ ފަރާތުން އެ ކުށަށް އިންކާރުކޮށްފައެއް ނުވަތަ އެއްބަސްވެފައެއް ވެސް ނުވެއެވެ.

ވަކީލަކު ބޭނުންވާ ކަމަށް ބުނުމަށް ފަހު އޭނާ ބުނެފައިވަނީ އޭނާ އަކީ އެންޑީއޭ ގެ ވަޒީފާ ގައި އުޅޭ މީހެއް ކަމަށާއި އަދި ކުޑަ ދަރިންތަކެއްގެ ބައްޕަ އެއް ކަމަށެވެ.

ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން އެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކޯޓުން ވަނީ އޭނާ 5 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައެވެ.

މައްސަލަ އަކީ މިފަހުން އެންޑީއޭ ގެ މުވައްޒަފުންނާ ގުޅިގެން ފެންމަތިވި ދެވަނަ މައްސަލައެވެ. މިދިޔަ ހަފްތާގައިވެސް އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލައެއްގެ ތުހުމަތުގައި، އެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް