ދިއްދޫ އިސްލާމިކް ސެންޓަރ
ދިއްދޫ އިސްލާމިކް ސެންޓަރ
ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 15 މިސްކިތް ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހއ. ދިއްދޫ އިސްލާމީ މަރުކަޒު، މިސްކިތަކާއި އިސްލާމީ ކުތުބުޚާނާއަކާއި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕަކާއެކު ހުޅުވިގެންދިއުމުގެ އުފާވެރި މުނާސަބަތުގައި އެރަށުގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރަށްވަމުން ރައީސް މިއަދު ވިދާޅުވީ، މިސްކިތްތަކުގެ މަޝްރޫޢުތައް ނިންމުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާ ކަމަށެވެ.

އެގޮތުން ރައީސް ވިދާޅުވީ، ސަރުކާރާއި ހެޔޮ އެދޭ ފަރާތްތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މަޝްރޫޢުތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ރަމަޟާންމަހުގެ ކުރިން ނިމި ހުޅުވިގެންދާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުވުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، އެތަނުގައި ދާއިމީ އިތުރު މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ޑިސެންބަރު މަހު ފެށިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ސަރުކާރުން ބިނާކުރުމުގެ މައިގަނޑު މަޤުޞަދަކީ، ރާއްޖޭގެ ކަންކޮޅުތަކުގައި އިސްލާމީ އެއްބައިވަންތަކަން ޤާއިމުކޮށް، އިސްލާމީ ހިދާޔަތާއި ނޫރާއި ސަގާފަތު ފެތުރުން ކަމަށެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޞާލިޙްގެ ވެރިކަމުގައި ދިއްދޫގައި ބިނާކުރުމުގެ މަސައްކަތް ފެށި، ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މި އިސްލާމީ މަރުކަޒުގެ މިސްކިތަށް ނަން ދީފައިވަނީ ނޮވެމްބަރު 3 ގެ ޢުދުވާނުގައި ޝަހީދުވެވަޑައިގެންނެވި ހއ. ދިއްދޫއަށް ނިސްބަތްވެލައްވާ ޝަހީދު ޢުމަރު އަޙްމަދުގެ ނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް