ޑެންޓަލް ކްލިނިކެއްގައި މީހަކަށް ފަރުވާ ދެނީ-
ޑެންޓަލް ކްލިނިކެއްގައި މީހަކަށް ފަރުވާ ދެނީ-
ކްލިނިކަކުން ދަތް ނެގި އަންހެނަކު އޭގެ ކުޑަ ވަގުތުކޮޅެއްފަހުން ކުއްލިއަކަށް މަރުވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަކުން ތިން ދަތް ނެގިތާ ގިނަ އިރުތަކެއްނުވެ މަރުވީ، ސ. ހިތަދޫއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ހަދީޖާ ސަލީމެވެ.

މީޑިއާއަކަށް މައުލޫމާތު ދެމުން ހަދީޖާ ސަލީމްގެ ފިރިމީހާ ބުނީ އޭނާގެ ދަތް ނެގީ ހުޅުމާލޭގައި ހުންނަ އޯރާ ކެއާ ޑެންޓަލް ކްލިނިކުން ކަމަށެވެ. އަދި ހަދީޖާގެ ހާލު ގޯސްވީ ދަތް ނަގުމަށް ފަހު އައިސް ކްރީމް ބޯން ގޮސް އިންދާ ކަމަށާއި، ދަތް ނެގިތާ އޭރު ވިއްސަކަށް މިނެޓު ވެސް ނުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޚަދީޖާގެ ހާލު ގޯސްވެގެން ވަގުތުން އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެފަހުން މާ ގިނައިރުތަކެއް ނުވެ މަރުވީ ކަމަށް އޭނާގެ ފިރިމީހާ ވަނީ ބުނެފައެވެ.

މި މައްސަލަ އަންހެން މީހާގެ އާއިލާގެ ފަރާތުން ހެލްތު މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދެމުން ހެލްތު މިނިސްޓްރީން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ، އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށެވެ.

ހަދީޖާ ސަލީމަކީ ހަކުރު ބައްޔަށާއި ތައިރޮއިޑު ބައްޔަށް ފަރުވާ ކުރަމުންދިޔަ މީހެއް ކަމަށާއި، އަދި އޭނާއަކީ ލޭމައްޗަށް ދާތީ ބޭސް ބޭނުންކުރަމުން ދިޔަ މީހެއް ކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް