ފަސް އަހަރު ދުވަހުގެ ދިގު ހުއްޓުމަކަށް ފަހު، އިންޑިއާއިން ޗައިނާގެ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދޫކުރަން އަލުން ފަށައިފިއެވެ.

މިއީ 2019 ވަނަ އަހަރުން ފެށިގެން މިފަދަ ފިޔަވަޅެއް އަޅާފައިވާ ފުރަތަމަ ފަހަރެވެ.

ޗައިނާއިން ވަނީ ނިއު ދިއްލީގެ މި ނިންމުމަށް ތައުރީފްކޮށް، މިއީ ހެޔޮ ބަދަލެއް ކަމުގައި ސިފަކޮށްފައެވެ. އަދި މިއީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންތައް ގާއިމުކުރުމަށް އެޅުނު ފާލަމެއް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

މިފަދަ ހިތްހަމަޖެހޭ ބަދަލުތަކެއް ފެނުނު ކަމުގައިވީނަމަވެސް ދެ ގައުމުގެ މެދުގައި ހައްލުނުވެ ހުރި މައްސަލަތައް އަދިވެސް އެބަވެއެވެ. އެއިން އެންމެ ބޮޑު އެއް މައްސަލައަކީ އިންޑިއާއަށް ބްރަހްމަޕުތުރާ ކޯރުގެ ގޮތުގައި ފައިބައިގެންދާ، ޗައިނާގެ ސަރަހައްދުގައި އޮންނަ ޔާލުންގް ސަންޕޯ ކޯރުގެ މަތީގައި ޗައިނާއިން ބޮޑު ޑޭމެއް އަޅަމުންދާ މައްސަލައާ ގުޅޭ ކަންބޮޑުވުންތަކެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޗައިނާއިން ބުނެފައިވަނީ އެ މަޝްރޫއަކީ މުޅިން ޗައިނާގެ ސިޔާދަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ކޯރުގެ ފެން ބޭނުންކުރާ ދަށުގައިވާ ގައުމުތަކާ އެކު އެއްބާރުލުން ދެމުންދާ ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ.

އިންޑިއާައިން ޗައިނާ ޓޫރިސްޓުންނަށް ވިސާ ދޫކުރަން ފެށުމަކީ ދެކުނު އޭޝިއާގެ މި ދެ ބާރުގަދަ ގައުމުގެ މެދުގައި އޮތް ގުޅުންތައް އަލުން އާލާކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު