ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި
ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ ބިލު ރައީސް ޑރ. މުޢިއްޒު މިއަދު ތަސްދީގު ކުރަށްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ތަސްދީގު ކުރަށްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ގަމު ދާއިރާގެ ޕީއެންސީ މެންބަރު ޔޫސުފް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި ޤާނޫނު ނަންބަރު 2011/17 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. އެ ބިލު މަޖިލީހުގެ ތަޅުމުން މިމަހުގެ 3 ވަނަ ދުވަހު ފާސްކޮށްފައިވަނީ 65 މެމްބަރުންގެ ވޯޓާއެކުއެވެ.

މި ބިލު ތަސްދީޤު ކުރުމުގެ ކުރިން މަސްތުވާތަކެތީގެ ކުށްތަކުގައި ދެވޭ އެންމެ ބޮޑު އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެވެ.

މިއަދު ތަސްދީޤު ކުރެއްވި ބިލުގައި ގޮތުން، މަރުގެ އަދަބު ދެވޭނީ 350 ގްރާމަށް ވުރެ ގިނަ ކެނަބިސް، ނުވަތަ 250 ގްރާމަށް ވުރެ ގިނަ ޑައިމޯފިން، ނުވަތަ 100 ގްރާމަށް ވުރެ ގިނަ ޢަދަދަކަށް ޖަދުވަލު އެކެއްގައި ހިމެނޭ 139 ބާވަތުގެ އެހެނިހެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނަށެވެ.

އަދި މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭނީ، ދަށު ކޯޓުގެ މަރުހަލާ ނިމި، ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން އެގޮތަށް ހުކުމް ކުރުމުންނެވެ. އަދި އެންމެ ފަނޑިޔާރަކުވެސް ދެކޮޅު ހަދައިފިނަމަ، އެ މީހަކަށް ލިބޭނީ އުމުރަށް ޖަލަށްލުމާއި، އެއްލައްކަ ރުފިޔާއާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބެވެ.

މިއަދު ތަސްދީޤުކުރި ބިލުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު