ހެލިކޮޕްޓަރު ގައި ބަލިމީހުން އުފުލަނީ
ހެލިކޮޕްޓަރު ގައި ބަލިމީހުން އުފުލަނީ
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ 10 އަހަރު ދުވަހަށް ރާއްޖޭގައި ހެލިކޮޕިޓަރުގެ ޙިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 25 އާއި ހަމައަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމަށް ހުޅުވާލައިފައެވެ.

ހެލިކޮޕްޓަރުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނު ކޮށްފައިވާއިރު، މިދިޔަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޝައުގުވެރިކަން ފާޅު ކުރުމަށް ޓްރާންސްޕޯޓުން ހުޅުވާލީ 6 އޮގަސްޓް 2024 ގައެވެ.

އެ މަޝްރޫއުގެ ދަށުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ބަލިމީހުން އުފުލުމުގެ ހިދުމަތާއި ސާޗް އެންޑް ރެސްކިއު ހިދުމަތުގެ އިތުރުން ފަތުރުވެރިކަމަށް އެހީތެރިވުމުގެ ގޮތުން ވިޔަފާރި އުސޫލުން އެތެރޭގެ އާންމު އުދުހުންތަކުގެ ހިދުމަތްވެސް ދޭންޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ބުނެފައިވެއެވެ. އަދި އެކަމަށް ހޮވޭ ފަރާތަކަށް 10 އަހަރު ފަތުރުވެރިން އުފުލުމަށް އެކްސްކްލޫސިވިޓީ ދޭނެ ކަމަށްވެސް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ގާއިމްކުރުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން މީގެކުރިން ސްޓަޑީއެއް ވަނީ ހަދާފައެވެ.



ކިޔުންތެރިންގެ ހިޔާލު