ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު
ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަކުރުމަށް ސަރުކާރުން މިދިޔަ އޮކްޓޯބަރު މަހު ނިންމެވި ނިންމުން ބާތިލުކުރުމަށް އެދި، ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފިއެވެ.

ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެންދިޔަ މަސްވެރިކަމެކެވެ.

ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކޮށްފައިވަނީ ޚާއްޞަ އުޞޫލެއްގެ ތެރެއިންނެވެ. އެގޮތުން، ކޮންމެ އަހަރަކު އެންމެ ގިނަވެގެން ހަތް މަސްދުވަހަށް، 40 އުޅަނދަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދެވޭނެއެވެ. އަދި މަސް ބަނދަރަށް ގެންނައިރު އޭގެ ހަށިގަނޑުން އެއްވެސް ބައެއް ވަކިނުކޮށް ހުންނަންޖެހޭނެ ކަމަށާއި، މަސްވެރިކަމުގެ އެއްވެސް ޙަރަކާތެއް އެތެރެވަރީގައި ހިންގުމަކީ މަނާކަމެއް ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މަސްވެރިކަން ކުރެވޭނީ އަތޮޅު ދުނިން ބޭރުގެ ސަރަޙައްދުތަކުގައެވެ.

ކަށިމިޔަރުގެ މަސްވެރިކަމުގެ ގަވާއިދުގައި ވާގޮތުން ކަށި މިޔަރުގެ މަސްވެރިކަންކޮށް، މަސްކިރޭނީ 4 ބަނދަރަކަށެވެ. އެއީ ހދ. ކުޅުދުއްފުށި ސީޓީ ބަނދަރު، ށ. ފުނަދޫ، ރ. މަޑުއްވަރީ އަދި އއ. ހިމަންދޫ ބަނދަރަށެވެ.

ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވުމަށް އެމައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ތިމާވެށީގެ އެކްޓިވިސްޓުން ކަމަށްވާ ހުމައިދާ ޢަބްދުލްޣަފޫރު އަދި މުޙައްމަދު ސީނީން ބަންޑާރަ ނައިބުގެ އޮފީހާ ދެކޮޅަށެވެ. ނަމަވެސް، މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމައެވެ.

މީގެކުރިން ހުމައިދާ ވަނީ، ކ. ގުޅިފަޅު ހިއްކަން ފަށާފައިވާ މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަންވެސް ކޯޓަށް ހުށަހަޅައިފައެވެ.

މިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޕެޓިޝަނެއްގައި ސޮއިކޮށްފައެވެ. އެ ޕެޓިޝަނުގައި ބުނެފައިވަނީ، މިޔަރު ހިމާޔަތްކުރުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން ދުނިޔޭގެ ބައްދަލުވުންތަކުގައި ވަކާލާތުކުރުމަށް ބާރު ލިބޭނެ ކަމެއް ކަމަށެވެ. މީގެ އިތުރުން، މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަކީ ތިމާވެށީގެ އިތުރުން ޓޫރިޒަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިޤްތިޞާދަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތްކޮށްފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުން ފެށިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު