ރައީސް ޑރ މުހައްމަދު މުއިޒުގެ ސަރުކާރަށް 2 އަހަރު ފުރި ތިންވަނަ އަހަރައް އަޅައިގެންއިރު ސަރުކާރުގެ އެއްވެސް ދިމާލަކުން ހަރަދު ކުޑަކޮށް އިގުތިސާދު ކޮޅައް ޖަހަން މަސަކަތް ކުރާތަނެއް ނުފެނެއެވެ. ވިއްޔާ ވީ ޚަރަދު ބޮޑެވެ. ދަރަނި ބޮޑެވެ. ވައްކަން އިތުރެވެ. ސިޔާސީ މުވައްޒަފުންވެސް އިތުރެވެ. ބަޖެޓުތައްވެސް ވީ ބޮޑެވެ. ބޮޑުންގެ ޖީބުތައް ވީ ބޮޑެވެ.

ކަންމިހެން އޮތްއިރު ރައްޔިތުން ހެއްވާލަން އައި ސަރުކާރުން މިހާތަނަށް އެޅިއްޔާ އެޅި ފިޔަވަޅަކުން ރައްޔިތުން ތިބީ ރޯށެވެ. ރައްޔިތުންގެ ޖީބުތައް ވީ ހުހެވެ. މިހާރަކު ރައްޔިތުންގެ އަނގަޔަކާ އަތަކާ ދިމައެއް ނުވެއެވެ. ފިހާރަތަކުގެ ހަރުގަނޑު ތަކަށް އަރައިގެން ވެސް އަތްފޯރާ އެއްޗެއް ފިހާރައަކު ނެތެވެ. ހަށިހެއުކޮށް ރައްޔިތުން ފިޓު ކުރަން ހަދަނީ އައުޓްޑޯ ޖިމްތަކެވެ. އެއީ އަގުހެއުކުރަން ބުނި ތަރުކާރީއާއި މޭވާއާއި ކިރުކޮޅުގެ ބަދަލުގައި މިސަރުކާރުން ރައްޔިތުންގެ ހަށިހެއު ކުރަން ވިސްނި ގޮތް ކަންނޭނގެއެވެ.

ދެން އޮތީ ޚަރަދު ކުޑަކޮށް ހިންގުން އެފިޝެންޓު ކުރަން މިސަރުކާރުންވެސް ރައްޔިތުންގެ ޓެކްސް ފައިސާ އަޅާ ކުންފުނި ތަކުގެ ވާހަކައެވެ. މިހާތަނަށް ސަރުކާރު ހިއްސާވާ 12 ކުންފުންޏެއްގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ޕީސީބީގެ ކުއާޓަލީ ރިވިއު ރިޕޯޓު ނުވަތަ ފުރަތަމަ ހަތަރު އަހަރުގެ އެކުންފުނިތައް ހިންގި ގޮތުގެ ރިޕޯޓު ނެރުނުއިރު މުޅި ސަރުކާރު މިއޮތީ ބަރަހަނާވެފައެވެ.

މި ރިޕޯޓުން ދައްކާގޮތުގައި ސަރުކާރު ހިއްސާވާ 12 ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 222 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ. މިދިޔަ ސަރުކާރުގައި މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އެންމެ ބާރަށް ގޮވަމުންދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނުކަތާ ވަރަށް މުއައްޒަފުން ނަގަމުން ދިޔުމާއި ސަރުކާރުގެ ދޯހަޅި ކަމާއި ކުންފުނި ހިންގަން ތިބި މީހުންގެ ސިޔާސަތުގެ ސަބަބުން ކުންފުނިތައް ބަނގުރޫޓު ވަމުންދާ ވާހަކައެވެ. ނަމަވެސް ފެންނަމުންދާ މަންޒަރަކީ އެ ބަނދިވަރު ގޮވައި ސަރުކާރު ބަދަލުކޮށް ވެރިކަމާ ހަވާލުވެ, މިހާރު ސަރުކާރުގައި ތިބި މީހުންގެ ހާލު އިހުނަށްވުރެ ވެސް ކަމުނުދާ މަންޒަރެވެ. އެއްކަލަ ކުންފުނިތަކަށް ނުކަތާ ވަރަށް މިހާރުވެސް މުވައްޒަފުން ނަގަނީއެވެ. ބޭކާރު ހަރަދު އިންތިހާއަށް ކުރަނީއެވެ. ބޮޑުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށް ބައި އަޅަނީއެވެ. ނަން ވާނީ މޫކޭއާއި ފެނަކަ ސަޢީދެވެ. މިހާރުވެސް ފެންނަނީ ހަމަ އެމަންޒަރެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު ވެސް ގާތްގަނޑަކަށް 35،000 މުވައްޒަފުން މަސައްކަތް ކުރާއިރު ދައުލަތުން ކޮންމެ އަހަރަކު ވެސް ކުންފުނިތަކުގެ ހަރަދުތައް ހަމަޖެއްސުމަށް ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ. ކުންފުނިތައް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާ އަޅައިގެންނެވެ. އަދިވެސް ހިންގަނީ އަތުގައި ހޭކެންޏާ ދަތުގައި ވެސް ހޭކޭ ގޮތަށެވެ. އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ލެއްވޭ ގޮތަށެވެ.

ރައީސް މުއިޒުގެ ސިޔާސަތުތައް ފެއިލްވަމުންދާ ކަން ޕީސީބީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގެއެވެ. އެގޮތުން ފުރަތަމަ ކުއާޓާގައި އެންމެ ބޮޑު ގެއްލުމެއް ވީ، މަގުހަދާ ކުންފުނި، އާރްޑީސީއަށެވެ. އެއީ 113 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެކެވެ. މިދިޔަ 2024 ވަނަ އަހަރުގެ ހުރިހާ ކުއާޓާއެއްގައި ވެސް އެ ކުންފުނި ހިންގީ ގެއްލުމުގަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް 228 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. މިހާރުވެސް އަޑު އިވެނީ ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އާރުޑީސީއަށް މުއަޒަފުން ނަގަމުންދާ ވާހަކައެވެ.

ގެއްލުމުން އަރައިގަނެ ފެނަކަ ނަގައި ކޮޅައް ޖަހާނެ ކަމައް ވައުދުވެގެން އައި ސަރުކާރުގެ މި ވަޢުދުވީ ބިލާހަކަށެވެ. މި ވީ ދެ އަހަރުގެ ތެރޭގައި ކުންފުނި ދިޔައީ އަޑިއަށެވެ. ފިލްމު ނިމޭއިރު "ދަ ފެނަކަ ކޯޕަރޭޝަން" ގެ މި އެޕިސޯޑުގެ ބަތަލު ވެސް ލާންޖެހޭނީ ޖަލަށް ކަމަށް ބެލެވެއެވެ. ދަށުން ދެމޭ ބަޔާއި ޖިބަށް ވަންނަ ބައި އެހާމެ ބޮޑުތަނުން ބޮޑުކަމަށް މީހުން ކިޔައެވެ. ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް ވަނީ ބޮޑުތަނުން ގެއްލުންވެ ކުންފުނި ދަރާފައެވެ. 33 މިލިއަން ރުފިޔާގެ ގެއްލުމަކާއެކު ކުންފުނި ދެރީމާ ވެސް އެވީ ފައިދާގޮތަށް ފެންނަ މީހުންނަށް ރައީސް މުޢިއްޒުގެ ބައިސާ ގަބޫލުކުރެވި އަދިވެސް ކޮނޑުހުޅުން ނެއްޓޭންދެން އަތް ޖަހާނެ އެވެ.

ރައްޔިތުންގެ ޓެކްސް ފައިސާ އޮއްސައިގެން ސިޔާސީ ބޮޑުންގެ ޖީބުތަކާ ބަނޑުތައް ފެޅޭވަރަށް ވައްކަންކޮށް ކާން ދީގެން ހިންގަނީ ހަމައެކަނި މި ދެންނެވި ފެނަކަ އެކަންޏެއް ނޫނެވެ. ބޮޑުންނަށް ކެވޭގޮތަށް ހިންގާ ޕޯސްޓް އޮފީހާއި ދައުލަތުގެ މޫނުމަތި ރީތިކުރަށް ރައްޔިތުންގެ ފައިސާ އަޅާ ޕީއެސްއެމް އާއި ނުލިބޭ ފަންޑު މެނޭޖުކުރަން ހެއްދެވި މޯލްޑިވްސް ފަންޑު މެނޭޖްމެންޓުގެ އިތުރުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި ބީސީސީ އާއި ޓްރޭޑްނެޓަށް ވެސް ވަނީ ބޮޑުތަނުން ގެއްލުންވެ ދަރާ ވިކިފައެވެ. މިއީ ހައްތާވެސް އެ ކިޔާ ސިޔާސީ ޗަރުކޭސް ކުންފުނި ތަކެވެ. ކުންފުނީގެ މުލު ވަގުގެ މޮޅުވާހަކައާއި ރީތި ވާހަކައާއި ކަމެއް ނުކުރިޔަސް، ހާދަހާ ބޮޑެތި މަސައްކަތް ކުރެއޭ ކިޔައިގެން، ނޫސްތަކަށް ލާރި ދީގެން ޚަބަރުތައް ޖެހީމާ އެހެރީ ކުންފުނި ހަބޭހަށް ހިނގާފައެވެ.

މިހާރުވެސް ސަރުކާރު ހިއްސާވާ 22 ކުންފުނީގެ ތެރެއިން 50 އިންސައްތަ ކުންފުނި ހިންގަނީ ބޮޑު ގެއްލުމުގައެވެ. މި ކުންފުނިތަކުގެ ވެރިންނަށް ކާންދޭން މިލިއަނުން ތިޖޫރިއަށް އަޅަނީ ރައްޔިތުންގެ ޓެކްސް ފައިސާއެވެ. ހަތަރުފަށާ މަހުމާއާއި ކުލަބަރިއާއެކު މުސްކުޅިވެގެން ތިބި ސަރުދާރުން ފްރަންޓްލައިނަށް ނެރެގެން ހިންގަން އުޅުނަސް އަލަ ގަހަކުން ކެއު ނިރެއް ފަޅުވާނީ ކިހިނެއް ހެއްޔެވެ؟

ބޮޑެތި މާލީ ގެއްލުންތައް ލިބުނު ކުންފުނިތައް:

- އާރްޑީސީ: 113 މިލިއަން ރުފިޔާ, - - އައިލެންޑް އޭވިއޭޝަން: 46 މިލިއަން ރުފިޔާ

- ފެނަކަ: 33 މިލިއަން ރުފިޔާ - ރަށް,އެމްޓީސީސީ: 20 މިލިއަން ރުފޔާ , އައްޑޫ އެއާޕޯޓު: 18 މިލިއަން ރުފިޔާ , ފަހި ދިރިއުޅުން: 14 މިލިއަން ރުފިޔާ.



ކިޔުންތެރިންގެ ހިޔާލު