ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު
ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު
ސަރުކާރުން ހިންގާ މަޝްރޫއުތައް ހަވާލުކުރުމަށްޓަކައި މާލިއްޔަތު ގަވާއިދަށް ގެނެވުނު ބަދަލުތައް އަލުން މުރާޖައާ ކުރުމަށް ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ގޮވާލައްވައިފިއެވެ.

ރޭ ގަލޮޅު ރައްޔިތުންނާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުމެއްގައި، ނެޝަނަލް ޓެންޑާ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު ވިދާޅުވީ މާލިއްޔަތު ގާނޫނާއި ގަވާއިދުތަކަށް ރިއާޔަތްނުކޮށް، މިދިޔަ މަހުގެ ކުރީކޮޅު ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓު ބަހާލި ގޮތަކީ، އދ.ގެ ކޮރަޕްޝަނާ ބެހޭ އޮފީހުން ބަލާ ސަރުކާރުތަކުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ މިންގަނޑަށް ފެތޭ ކަމެއް ކަމަށެވެ.

"ޔޫއެން އޯޑީސީގަ ކޮރަޕްޝަން މާނަކޮށްފަ އޮންނަ އޮތުމުގަ، ސަރުކާރުގެ ތެރެއިން ރާވައިގެން ހިންގާ ކޮރަޕްޝަނަށް ފެތޭ ގޮތަށް މިކަން މި ގޮސްފަ މިއޮތީ،" ޒަރިޔަންދު ވިދާޅުވި އެވެ.

މީގެ އިތުރުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކަކީ އުވާލުމުގެ މަރުހަލާގައި ހުރި އަދި ކޮންސްޓްރަކްޝަން ކުންފުނިތައް ރޭޓުކުރާ ރޭންކިން އިން ދަށުގައި ހުރި ކުންފުނިތައްކަން ވެސް ޒަރިޔަންދު ފާހަގަކުރެއްވި އެވެ.

މި މަޝްރޫއުތައް ބަހާލުމަށް މަގުފަހިކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލުތަކަކީ ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއްގެ ގޮތުގައި ޒަރިޔަންދު ވަނީ ސިފަކުރައްވާފަ އެވެ. އެހެންވެ ބަދަލުތައް އަލުން މުރާޖައާ ކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.

ޒަރިޔަންދު އިތުރަށް ވިދާޅުވީ، އޭނާގެ މި ހުށަހެޅުމަކީ މަޝްރޫއުތައް ކުރިއަށް ނުގެންދާން ގޮވާލުން ނޫން ކަމަށެވެ. ބަދަލުގައި، އޭނާގެ ހުށަހެޅުމަކީ މިއަށްވުރެ ރަނގަޅަށް މަޝްރޫއުތައް ހަވާލުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހުކުރުން ކަމަށް ވެސް ޒަރިޔަންދު ފާހަގަކުރެއްވި އެވެ.

މިކަން ރައީސް މުޢިއްޒު އަދި ބަންޑާރަ ނައިބު ރަނގަޅަށް ބައްލަވަން ޖެހޭ ކަމަށާއި، މިއީ މާލީ ގޮތުން ކުރިއަށް އޮތް ޖީލުތަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ގައުމު ސަލާމަތް ކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު