ރައްޔިތުން އެދޭކަންކަން ބަލަން ރައީސް މުޢިއްޒު ވަޑައިގަންނަވަން ޖެހޭނީ ވެރިކަމަށް ދެެއަހަރަށްފަހު ނޫން ކަމަށާއި އެެއީ ގާތުން ވެރިކަން ކުރުމެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ރޭ، އާޓިފިޝަލް ބީޗުގައި ޕީއެންއެފް އިން ބޭއްވި "ރިސެޓް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ވަކިވަކިން މިފަހުން ބައްދަލުކުރައްވާފައިވާތީ އެކަމަށް އިޝާރަތް ކުރައްވަމުންނެވެެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ސަރުކާރުގެ ދިރާސާތަކަށް ބަރޯސާވެގެން ނޫން ގޮތަކަށް ވެސް ރައްޔިތުންގެ ޝުޢޫރުތައް ދެނެގަންނަން ދަންނަ ގިނަ ބަޔަކު ތިބި ކަމަށެވެ. އަދި، ކޮންމެ އަވަށަކަށް ވަޑައިގެންނެވި ނަމަވެސް ކުޑަކުއްޖެއްގެ ކައިރިން ވެސް، ޒުވާނެއްގެ ކައިރިން ވެސް ނުވަތަ ދޮށީ މީހެއްގެ ކައިރިން ވެސް ރައްޔިތުންގެ ހާލަތު ދެނެގަނެވޭނެ ކަމަށާއި، ސަރުކާރުން ހަދާ ދޮގުތައް އެންމެންނަށް ވެސް އެނގޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސަކު ރައްޔިތުންނާ ހަމައަށް ދިޔުމުން އުފާވެރިކަމުގެ ޚަބަރުތައް ލިބެންޖެހޭ ކަމަށާއި، ނަމަވެސް މާލެއިން ރައްޔިތުންނަށް ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޓަކައި "ނޯޓިސް" ނެގުމަށް އަންގާ ތަން ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަކީ ދެ އަހަރު ފަހުން ރައްޔިތުންގެ ބޭނުންތައް އެނގޭތޯ ބަލަން ދިޔުމެއް ނޫން ކަަމަށެވެ. ރައީސްކަމަށް އަންނައިރު ރައްޔިތުންގެ ބޭނުންތައް އެނގި، އެކަންކަމަށް ދެވޭނެ ފަރުވާ ވެސް މެނިފެސްޓޯގައި ހިމަނައިގެން އަންނަންޖެހޭނެ ކަމަށާއި މެނިފެސްޓޯއަކީ ރައްޔިތުންގެ ނުކުޅެދުންތެރިކަމަށް ދެވޭ ފަރުވާއެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހުރިހާ ވަޒީރުންނާއި މުއައްސަސާތައް ބޭނުން ނުކޮށް، ސަރުކާރު ހިންގުމުގެ ނިޒާމީ ކަންކަމަށް ޖާގަ ނުދީ ހުދު ރައީސަށް ހުރިހާ ކަމެއް އެނގިގެން ރަނގަޅުކުރުމަށް މަސައްކަތް ކުރުމަކީ ޝަހެންޝާހް ވެރިކަމަކަށް ދިއުން ކަމަށެވެ. ގާނޫނުން މަތިކޮށްފައި ހުރި މުއައްސަސާތަކާއި އެމުއައްސަސާތަކުގެ ޒިންމާތައް އެބަހުރި ކަމަށާއި އެ ޒިންމާތަށް މުވައްސަސާ ތަކުން ނުނަގާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އިޤްތިޞާދު ދަނީ ފަހަތަށް ކަމަށާއި، މި ހާލަތުގައި ސަރުކާރުން އިޤްތިޞާދު ނަގާ ކޮޅަށް ޖަހާފި ކަމަށް ރައްޔިތުންގެ ކުރިމަތީގައި ބުނާނެ ގޮތެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިދިޔައީ ދެން އަހަރުން އަނެއް އަހަރަށް މިދިޔަ ނަމަވެސް ހުރިހާ ގޮތަކުން މިހާރު ދެންނެވި ހުރިހާ ތަފާސްއަށް ބިނާކޮށް އަޅުގަނޑުމެން މިދިޔައީ ފަހަތަށް، ދެން ކިހިނެއްތޯ އަޅުގަނޑުމެންގެ ވެރިންނާ ރައްޔިތުން ކުރިމަތީގައި ބުނާނީ އިގްތިސާދު ނަގާ ކޮޅަށް ޖަހާފިޔޭ. އިގްތިސާދު އޮތީ ދަމަހައްޓާފައޭ." ޔާމީން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު