މާލޭ މޭޔަރ ސިފާ މުޙައްމަދު
މާލޭ މޭޔަރ ސިފާ މުޙައްމަދު
މާލޭ ލޮނުޒިޔާރަތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލައިގައި މާލޭގެ މޭޔަރު ސިފާ މުހައްމަދުގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ސިފާ މުޙައްމަދުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ޙަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ތަޙްޤީޤަށް ފާހަގަ ކުރެވިފައި ވާތީ އެވެ. މިކަމާ ގުޅިގެން ސިފާގެ މައްޗަށް ދަޢުވާ ކުރުމަށް ފޮނުވާފައިވަނީ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައި ވާތީއެވެ.

އެގޮތުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުޞޫލުން މިނިސްޓްރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައިވާކަމާއި، އެ ހުއްދަ ނުދީ، ކައުންސިލްގެ އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް އެ މިނިސްޓްރީއިން އެންގުމުން، 03 ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅިނަމަވެސް، އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމީން ކޮންސްޓަރަކްޝަން އާ ހަވާލުކޮށްގެން ކުރުވާފައިވާކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އަދި ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، ޢަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރ ސިފާ މުޙައްމަދު ކަން ކޮމިޝަންގެ ތަޙުޤީޤަށް އެނގިފައިވާކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން، ސްރީލަންކާގެ ކުންފުންޏަކުން މި 02 ފާޚާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެކަމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދަށް އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާކަމަށާއި، ނަމަވެސް ހިލޭ އެހީއަކީ ދަޢުލަތުގެ ފައިސާކަމަށް ވުމުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށްވާތީ މަސައްކަތުގެ ތަފްޞީލް އެނގެން ނެތް ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި ޖުމުލަ 03 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީގައި އެދިފައިވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީޚްގެ ފަހުން ވެސް 02 ފާޚާނާބަރި ހިމެނޭގޮތަށް ޢިމާރާތްތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައިދިނުމަށް އެދި މޭޔަރ ސިފާ މުޙައްމަދު ބިޑް ކޮމިޓީއަށް 21 އޮކްޓޫބަރު 2019 ގައި މެމޯ ފޮނުވާފައިވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް ޢަމަލީ ގޮތުން އެ މަސައްކަތް ފަށާފައިވާކަން ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އަދި ހާމަކަންބޮޑު ދެފުންފެންނަ އުޞޫލެއް ނެތި، އެއްބަސްވުމާއި ލިޔެކިޔުމެއް ނެތި، އަމީން ކޮންސްޓްރަކްޝަނާ މަސައްކަތް ހަވާލުކޮށް ކުރުވުމާއި، ހިލޭ އެހީގެ ހުށަހެޅުމެއް ލިބިފައި އޮއްވައި އެކަން ހިއްސާކުރަންޖެހޭ ފަރާތްތަކާ ހިއްސާނުކޮށް، އެ ކުންފުނިން ޢަމަލީގޮތުން 02 ފާޚާނާބަރީގެ މަސައްކަތް ފެށިފަހުންވެސް ކައުންސިލްގެ އިދާރާގެ ބަޖެޓްގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށް މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު މަސައްކަތްކޮށްފައިވާކަމާއި، އޭނާ އެފަދައިން ޢަމަލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެން އޮތުމުން، މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ވަނީ ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން