ބޯއިންގ 737 މަރުކާގެ ބޮޑު ބޯޓެއް ގެއްލުމަކީ ގަބޫލުކުރަން ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް ބޮޑު އެއާލައިނަކަށް މިވަނީ އެފަދަ ކަމެއް ދިމާވެފައެވެ. އެ އެއާލައިނުގެ ބޯޓެއް ގެއްލިގެން އުޅޭތާ 13 އަހަރު ފަހުން މިވަނީ އެ ބޯޓު ފެނިފައެވެ.

އެއާ އިންޑިއާއިން ދާދި ފަހުން އިއުތިރާފުވެފައިވާ ގޮތުގައި، އެ އެއާލައިނުގެ ބޯއިންގ 737 މަރުކާގެ ބޯޓެއްގެ މައުލޫމާތު ރެކޯޑުތަކުން ގެއްލި، ނޭނގި 13 އަހަރު ވަނީ ފާއިތުވެފައެވެ. މި ބޯޓު ފެނިފައިވަނީ މިދިޔަ މަހު އެއާޕޯޓެއްގެ އެކަހެރި ސަރަހައްދެއްގައި ޕާކުކޮށްފައި އޮއްވައެވެ.

ގެއްލުނު 737 ބޯޓު

'ދަ އިންޑިޕެންޑެންޓް' ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއާ އިންޑިއާގެ މި ކާގޯ ބޯޓު 2012 ވަނަ އަހަރު ބޭނުންކުރުން ހުއްޓާލުމަށްފަހު ޕާކުކޮށްފައި އޮތީ ކޮލްކަޓާ އެއާޕޯޓުގައެވެ. ނަމަވެސް، އޭގެ ފަހުން އެއާލައިނުގެ ރެކޯޑުތަކުން މި ބޯޓުގެ މައުލޫމާތު މުޅިން ފޮހެވިގެން ދިޔައީއެވެ.

ބޯޓު އެއާޕޯޓުގައި އޮތުމުން، އެއާޕޯޓު އިދާރާއިން ދިޔައީ ބޯޓު ޕާކުކޮށްފައި އޮންނަ ފީއަށްވާ ފައިސާ ހޯދުމަށް އެއާ އިންޑިއާއަށް އިންވޮއިސް ފޮނުވަމުންނެވެ. ނަމަވެސް، އެފަދަ ބޯޓެއް އޮތްކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ބުނެ، އެއާ އިންޑިއާއިން ދިޔައީ އެ ފީތައް ދެއްކުމަށް އިންކާރު ކުރަމުންނެވެ.

މިކަން ބަދަލުވީ، އެއާޕޯޓުގައި އާ ހޭންގަރުތަކެއް އެޅުމަށްޓަކައި އެ ބޯޓު އެތަނުން ނެގުމަށް އެއާޕޯޓު އިދާރާއިން ރަސްމީކޮށް އެދުމުންނެވެ. އެ ހިސާބުން އެއާލައިނަށް އެމީހުންނަށް ހެދިފައިވާ ގޯސް ގަބޫލުކުރަން މަޖުބޫރުވިއެވެ.

'ގެއްލުނު' ބޯޓު ފެނުން

އެއާ އިންޑިއާގެ ސީ.އީ.އޯ ކޭމްޕްބެލް ވިލްސަން މުވައްޒަފުންނަށް ފޮނުއްވި މެސެޖެއްގައި މިކަމަށް އިއުތިރާފުވެވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އެއާލައިނުގެ އެތެރޭގެ ރެކޯޑުތަކުން ބޯޓުގެ މައުލޫމާތު ތަކުރާރުކޮށް އުނިވަމުން ގޮސް، އެފަދަ ބޯޓެއް އެމީހުންގެ މިލްކިއްޔާތުގައި އޮތްކަންވެސް އޮތީ ހަނދާން ނެތިފައެވެ.

"މުސްކުޅި ބޯޓުތައް ނައްތާލުމަކީ އާންމު ކަމެއް ނަމަވެސް، މިއީ ތަފާތު ހާލަތެއް. ސަބަބަކީ މިއީ ދާދި ފަހަކާ ޖެހެންދެން އަހަރެމެންގެ މިލްކިއްޔާތުގައި އޮތްކަންވެސް ނޭނގޭ ބޯޓަކަށް ވުމުން،" ވިލްސަން ވިދާޅުވިއެވެ.

"ޒަމާންތަކެއް ފާއިތުވެ ދިޔައިރު މި ބޯޓުގެ މަތިން ހަނދާން ނެތުނީ. މިކަން އެނގުނީ ކޮލްކަޓާ އެއާޕޯޓުގެ ރަހުމަތްތެރިން އެ ބޯޓު ވަރަށް އެކަހެރި ސަރަހައްދެއްގައި އޮތްކަން އަންގައި، އެތަނުން ނެގުމަށް އެދުމުން. އެއީ އަހަރެމެންގެ ބޯޓެއްކަން ކަށަވަރު ކުރުމަށްފަހު މިހާރު ވާނީ އެތަނުން ނަގާފައި."

މި މައްސަލައިގައި އެއާޕޯޓަށް ދައްކަންޖެހޭ 110,000 ޑޮލަރުގެ ފީ ދެއްކުމަށް އެއާ އިންޑިއާއިން މިހާރު ވަނީ އެއްބަސްވެފައެވެ.

ނޮވެމްބަރު 14 ވަނަ ދުވަހު މި ބޯޓު އެތަނުން ނަގައި، އެއްގަމު މަގުން ބެންގަލޫރަށް ވަނީ ގެންގޮސްފައެވެ. ދެން މި ބޯޓު ބޭނުންކުރާނީ އިންޖިނިއަރިންގ ކިޔަވައިދޭ ކުދިން ތަމްރީނު ކުރުމަށެވެ.

މިއީ ހަގީގަތުގައިވެސް ވަރަށް އާދަޔާ ހިލާފު ކަމެކެވެ. ނަމަވެސް، އެންމެ ފަހުން އެއާލައިނުން އެމީހުންގެ ގޯސް ގަބޫލުކޮށް، ޒިންމާ ނެގުމުން މައްސަލަ މިވަނީ ހައްލުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު