އިންޑިއާ އާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ސަރަހައްދުގައި އުޅޭ ބަންގްލަދޭޝްގެ ދަނޑުވެރިންގެ ބަކަރިތަކެއް އިންޑިއާގެ ބޯޑަރު ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން ވަގަށް ނަގާފައިވާ ކަމަށް ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އިތުރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯޑަރު ކައިރީގައިވާ ދަނޑުބިމެއްގައި ބަކަރިތައް ތިއްބާ، ބީއެސްއެފްގެ ސިފައިން ބޯޑަރު ހުރަސްކޮށް އައިސް އެ އެއްޗެހި އަތުލައިގަތުމުން ކަމަށް ރަށުގެ ރައްޔިތުން ތުހުމަތުކުރެއެވެ. މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އާންމުން މުޒާހަރާ ކުރަމުންދާއިރު، އިންޑިއާގެ ރަސްމީ އިދާރާތަކުން އަދި މިކަމަށް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

މީގެ ކުރިންވެސް ބޯޑަރު ސަރަހައްދުގައި ހިނގާ މިފަދަ ހާދިސާތަކުގެ ސަބަބުން ދެގައުމުގެ ގުޅުމަށް ބުރޫއަރާފައިވާއިރު، ބަންގްލަދޭޝްގެ މީޑިއާތަކުން ފާހަގަކުރާ ގޮތުގައި އިންޑިއާގެ ރަސްމީ ސަލާމަތީ ބާރަކުން މިފަދަ އަމަލެއް ހިންގުމަކީ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭނެ ކަމެކެވެ.

ހާއްސަކޮށް، ބަންގްލަދޭޝްގައި ކުށްވެރިވެފައިވާ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދެމުންދާ ވަގުތެއްގައި މިފަދަ ކަންކަން ހިނގުމަކީ މަސްލަހަތު އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު