ގާނާގެ އަމިއްލައަށް ރަސޫލަކަށް ވެގެން އުޅޭ އީބޯ އީނޮކް، ދުނިޔެ ނިމުން ނުވަތަ "ރެޕްޗާ" ފަސްކޮށްފައިވާ ކަމަށް އިއުލާންކޮށްފިއެވެ. އޭނާ ކުރިން ބުނެފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހު ބޮޑު ފެންބޮޑުވުމެއްގެ ތެރޭގައި ދުނިޔެ ނެތިގެންދާނެ ކަމަށެވެ.

ނަމަވެސް އެ ދުވަހު އެފަދަ ކަމެއް ނުވުމުން، އޭނާގެ ބޯޓު ބަނުމުގެ މަޝްރޫއު ފުޅާކުރުމަށް ކަލާނގެ އިތުރު ވަގުތު ދީފައިވާ ކަމަށް އޭނާގެ ތަބާވީން ގާތު މިހާރު ވަނީ ބުނެފައެވެ. ގާނާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އޭނާ މިހާތަނަށް 10 ވަރަކަށް ބޯޓު ބަނދެފައިވެއެވެ.

މި ބޯޓުތައް ބަނުމަށްޓަކައި އީނޮކް ވަނީ އޭނާގެ ތަބާވީންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައެވެ. ބައެއް މީހުން އަމިއްލަ މުދަލާއި ތަކެތި ވިއްކާލައިގެން އޭނާއަށް ފައިސާ ދީފައިވާއިރު، މި "ދުނިޔެ ނިމޭ ދުވަހަށް" ތައްޔާރުވުމަށް ބޯޓުތައް ކައިރިއަށް މީހުން އެއްވެފައިވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އޭނާ ބުނާ ގޮތުގައި މި ބޯޓުތައް ބަނުމަށް އޭނާއަށް އަމުރުކުރެއްވީ ކަލާނގެއެވެ.

ނަމަވެސް، ރިޕޯޓްތައް ބުނާ ގޮތުގައި އީނޮކް ވަނީ މީހުންގެ އަތުން އަތުލި ފައިސާ ބޭނުންކޮށްގެން 100،000 ޑޮލަރުގެ މާސިޑީޒް ކާރެއް ގަނެފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އީނޮކް ބުނަމުންދަނީ އެއްވެސް މީހަކަށް ބޯޓަށް އެރުމަށް ވަކި ހާއްސަ ދައުވަތެއް ބޭނުން ނުވާނެ ކަމަށާއި، ގަބޫލުކުރާ ކޮންމެ މީހަކަށްވެސް ބޯޓަށް އެރޭނެ ކަމަށެވެ.

"ރެޕްޗާ" އަކީ ވަކި ބަޔަކު ގަބޫލުކުރާ ފަލްސަފާއެކެވެ. އެއީ ދުނިޔެ ނިމޭ ދުވަހު ކަލާނގެއަށް އީމާންވާ މީހުން އުޑަށް އުފުއްލަވައި، އެހެން މީހުން ދޫކޮށްލާނެ ކަމަށް ކުރާ ބާތިލު ގަބޫލުކުރުމެކެވެ. މީގެ ކުރިންވެސް ދެކުނު އެފްރިކާގެ ދީނީ މީހަކު ވަނީ ސެޕްޓެމްބަރު 23 ގައި މިފަދަ ކަމެއް ހިނގާނެ ކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާފައެވެ.



ކިޔުންތެރިންގެ ހިޔާލު