ރައީސް ޔާމީން ޕީއެންއެފްގެ ބައްދަލުވުމެއްގައި
ރައީސް ޔާމީން ޕީއެންއެފްގެ ބައްދަލުވުމެއްގައި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސްވެރިންނަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރަށްވައިފިއެވެ.

ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަކީ މިހާރު ރައީސް މުޢިއްޒަށް ނާޖާއިޒް ފައިދާ ހޯދައިދޭ މައި މަރުކަޒަށް ވެފައިވާ ކަމަށެވެ.

މިކަމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސް ދައުރެއް އަދާކުރަށްވާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ޚާއްޞަކޮށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގައި އަޑިނޭންގޭ ކަންތައްތަކެއް ހިނގަމުންދާ ކަމަށާއި، އެ ފަޅުން ހިއްކާ ކޮންމެ ކޮޑި މީޓަރަކުން ދެ ޑޮލަރުގެ ޢަދަދެއް ނަގަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މި މަސައްކަތް އެމްޓީސީސީ ފަދަ ދިވެހި ކުންފުންޏަކާ ހަވާލުނުކޮށް، އެމްއޭސީއެލްގެ ދަށުން އަލަށް އުފެއްދި ކުންފުންޏަކާ ހަވާލުކުރީ، ދިވެހި ކުންފުންޏަކުން މަސައްކަތް ކުރާނަމަ މިފަދަ އޮޅުވާލުންތަކަށް ހުރަސްތަކެއް ހުންނާނެތީ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ" ނަމުގައި އެމްއޭސީއެލް އިން ވަނީ ކުންފުންޏެއް އުފައްދާފައެވެ. އެއީ ބިންހިއްކުމުގެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެކެވެ.

އެގޮތުން ރަސްމާލެ ހިއްކުމާއި، ހުޅުމާލެ ފޭސް 3 ހިއްކުމާއި، ކުދި ރަށްރަށުގައި އެއާޕޯޓު އެޅުމާއި، ބައެއް ރަށްރަށުގައި ޖިމް ހެދުން ފަދަ، ޕްރޮޖެކްޓުތަކަށް އެ ކުންފުނިން ދަނީ ހަރަދު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު