މޭޔަރު އާޒިމް
މޭޔަރު އާޒިމް
ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން އެއްވެސް މުވައްޒަފަކަށް ލިބޭ ޖުމުލަ އާމްދަނީ މަދު ނުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، 2025 ޑިސެމްބަރު މަހުގެ މުސާރަ ޖަމާވިއިރު، ގިނަ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ ޖުމްލަ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މީސްމީޑިއާގައި މޭޔަރު ވިދާޅުވީ، ކޮންމެ މުވައްޒަފެއްގެ މުސާރައަކީ، މުޅި އެ މުވައްޒަފުގެ އާއިލާގެ ދިރިއުޅުން އެ އެއްޗެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މައިގަނޑު އެއް އަސާސް ކަމަށެވެ. އަދި ކުއްޔާއި، ކެއިންބުއިމާއި، ބިލްތަކާއި، ދަރިންގެ ޓީއުޝަންފީއާއި، ލޯނާއި އަދި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ ލިބޭ މުސާރަ އިން ކަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް އާޒިމް ވިދާޅުވީ، މުސާރަ އަށް އެއްކޮށް ބަރޯސާވާ، ލިބޭއެއްޗަކުން ކިރިޔާ ދެކޮޅު ޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލައި، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިއީ މުސާރައިން ބައެއް އުނިވެދާނެކަމުގެ ކަންބޮޑުވުމާއި އުދާހުގެ ސަބަބުން ހިތަށް ތަދުވަމުންދިޔަ ރައްޔިތުންގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލޮނުމިރުސް އެޅުން ފަދަ ކަމެއް ކަމަށް އާދަމް ސިފަކުރެއްވިއެވެ.

"ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދިނުމުގައި އަބަދު ހޭލަމޭލައަށް އުޅެމުންދާ މާލެ ސިޓީ ކައުންސިލް މުވައްޒަފުނާ، އެހެނިހެން ސިވިލްސާވިސް މުވައްޒަފުންނަކީ، ވަރަށް ކުޑަ މުސާއަރައަކަށް، ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުންދާ ބައެއް. އެހެންކަމުން، އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައިން ބޮޑު ބައެއް އުނިވުމަކީ، އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެކަމެއް ނޫން.." އާދަމް ވިދާޅުވިއެވެ.

އާދަމް ވަނީ މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ. ހާއްސަކޮށް، ބަރަކާތްތެރި ރޯދަ މަސް ބައްދަލުކުރުމަށް މިހާ ކުޑަތަންވެފައިވަނިކޮށް މިގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު