މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު
ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ރަސްމިއްޔާތަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން މަންދޫބެއް ފޮނުވަން އެމަނިކުފާނު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޚާލިދާ ޒިޔާގެ ޖަނާޒާގައި ރައީސް މުޢިއްޒުގެ ޚާއްްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ކަމަށެވެ.

ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި، ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު، ބޭގަމް ޚާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސަވާފައެވެ. މިނިސްޓަރު ޢަލީ ހައިދަރުގެ މި ދަތުރުފުޅުގައި އެ ޤައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރ، ޑޮކްޓަރ މުޙައްމަދު ޔޫނުސާއި ބޭގަމް ޚާލިދާ ޒިޔާގެ ޢާއިލާގެ މެމްބަރުންނާއި ބައްދަލުކުރައްވައި ރައީސް ޑޮކްޓަރ މުޢިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތަޢުޒިޔާ ދެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސްގެ މަންދޫބެއްގެ ގޮތުގައި ވަޒީރު ބަންގާޅަށް ވަޑައިގަންނަވާއިރު، ވަޒީރުގެ ވުޒާރާގެ މެންޑޭޓުގައި ހިމެނޭ ހަޔަރ އެޑިއުކޭޝަނުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސްކޮލަރޝިޕް ފައިސާ ލިބުމުގައި ދަތިތަކެއް ދިމާވެ ބައެއް ދަރިވަރުން ދަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބަންގާޅަކީވެސް ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން ތަޢުލީމު ޙާސިލު ކުރަމުންދާ ޤައުމެކެވެ.

ވަރަށް ގިނަ ދުވަހު އާލާސްކަން ފުޅުގައި އުޅުއްވުމަށްފަހު ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ. ބޭގަމް ޚާލިދާ ޒިޔާ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ ދެފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވިއެވެ. ފުރަތަމަ ބޮޑުވަޒީރުކަން ކުރައްވާފައިވަނީ 1991 ން 1996 އަށެވެ. އެއަށްފަހު 2001 ން 2006 އަށްވެސް އެކަމަނާ ބޮޑުވަޒީރުކަން ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު