ޖަރުމަނުގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ގޭލްސެންކިރްޗަންގައި ހުންނަ ސްޕާކަސީ ބޭންކުގެ ބްރާންޗަކުން ތްގަނޑަކަށް 30 މިލިއަން ޔޫރޯ ވަގަށް ނަގާފައިވާ ކަމަށް އެގައުމުގެ ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ވައްކަމަކީ ވަރަށް ބޮޑަށް ރޭވިގެން، ބޭންކުގެ އެތެރޭގެ މައުލޫމާތު އެނގިގެން ހިންގާފައިވާ ވަރަށް "ޕްރޮފެޝަނަލް" އަމަލެކެވެ.

މި ހާދިސާ ހިނގާފައިވަނީ ޕާކިން ގަރާޖެއްގެ ތެރެއިން ބޭންކުގެ ވޯލްޓް ރޫމުގެ ފާރުގައި ބޮޑު ލޯވަޅެއް ތޮރުފައިގެން ވަދެގެންނެވެ. މި ވައްކަމުގައި 3،000 އަށްވުރެ ގިނަ ސޭފްޓީ ޑިޕޮސިޓް ބޮކްސް ހުޅުވައި، އޭގައި ހުރި ފައިސާއާއި، ރަނާއި އަދި ގަހަނާތައް ވަނީ ވަގަށް ނަގާފައެވެ.

މި ވައްކަން ފަޅާއެރީ ހޯމަ ދުވަހު ބޭންކުގެ ފަޔަރ އެލާމް ވުމާ ގުޅިގެން ކަމަށްވާއިރު، ބައެއް ހެކިވެރިން ވަނީ އާދީއްތަ ދުވަހުގެ ރޭގަނޑު ގަރާޖު ސަރަހައްދުން ބޮޑެތި ދަބަސްތަކެއް ހިފައިގެން އުޅުނު ބަޔަކު ފެނިފައިވާ ކަމަށް ބުނެފައެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި މާސްކް އަޅައިގެން ތިބި ބަޔަކު ކަޅު ކުލައިގެ އޮޑީ އާރް.އެސް 6 މަރުކާގެ ކާރެއްގައި ފިލާފައިވާ އިރު، އެ ކާރުގައި ހުރީ ވަގަށް ނަގާފައިވާ ނަންބަރު ބޯޑެކެވެ.

މި ހާދިސާގައި ގެއްލުން ލިބުނު ގިނަ މީހުންނަކީ ތުރުކީއަށް ނިސްބަތްވާ، ކަސްޓަމަރުންނެވެ. އެ ކަސްޓަމަރުންނަކީ އެމީހުންގެ ރަނާއި އަގުބޮޑު ތަކެތި ރައްކާކުރަން އެ ބޭންކު ބޭނުންކުރަމުންދާ ކަސްޓަމަރުންނެވެ. ބައެއް ރިޕޯޓައް ބުނާގޮތުގައި އެމީހުންނަށް ލިބުނު ގެއްލުންތައް ބޭންކުން އިންޝުއަރެންސްކޮށްފައިވާ މިންވަރަށްވުރެ މާ ބޮޑެވެ.

ފުލުހުން މިހާރު ވަނީ ގެއްލުން ލިބުނު ފަރާތްތަކުން ސީދާ ބޭންކާ ގުޅައިގެން އެމީހުންގެ މައުލޫމާތާއި ލިބުނު ގެއްލުމުގެ ރިޕޯޓު ހުށަހެޅުމަށް އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު