އީސީގެ ރައީސް މުހައްމަދު ޒާހިދު
އީސީގެ ރައީސް މުހައްމަދު ޒާހިދު
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ބޭނުންވާ 7،000 އެއްހައި އޮފިޝަލުން ތަމްރީނު ކުރުމުގެ މަސައްކަތް މި މަހުގެ 11 ވަނަ ދުވަހު ފެށުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިންތިޚާބަށް އޮފިޝަލުން ތަމްރީނު ކުރުމަށް ބޭނުންވާ ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. މިއަދުން ފެށިގެން މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން މިޓްރެއިނިންގ ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވެއެވެ.

ޓްރެއިނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، މިއީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި ކޮމިޝަނުގެ އެންމެ ބޮޑު ޒިންމާއަކީ ގާނޫނުގައިވާ ގޮތުގެ މަތިން އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއެކު ތަންފީޒުކުރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ޒާހިދު ވިދާޅުވީ، އިންތިހާބުގެ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މި ތަމްރީނުތަކުގެ ސަބަބުން އިންތިހާބު ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވެދާނެ މައްސަލަތައް މަދުވެ، އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށްވެސް ޒާހިދު މިއަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓުތަކާއި، ސިނާއީ މަސައްކަތްކުރާ ރަށްރަށުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވޯޓުލާ މަރުކަޒުތައް ގާއިމުކުރާ ތަންތަނުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު