ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ
ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާ ކޮށްފިއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މަޖިލީހުން ދެ މަހުގެ ޗުއްޓީއަށް ދިޔައީ މިދިޔަ މަހު ކުރީކޮޅު އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން އެދޭ ނަމަ، ދައުރުން ބޭރުން ޖަލްސާ ބޭއްވޭނެއެވެ.

މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން ޢާއްމު ކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވެއެވެ.

ހަމައެއާއެކު ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އިސްލާޙު ގެނައުމަށް ހުށައަޅުއްވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ.

އޭގެ އިތުރުން ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށައަޅުއްވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ތާވަލު ކޮށްފައިވެއެވެ.

ހަމައެހެންމެ ރީ-އެމްޕްލޯއިމަންޓް ބިލްގެ ކޮމިޓީ ރިޕޯޓަށް ގޮތެއް ނިންމުމާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކަށް ބޭފުޅަކު އައްޔަނު ކުރުންވެސް އެޖެންޑާގައިވެއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ތާވަލު ކޮށްފައިވާއިރު، ޗުއްޓީއަަށް ފަހު، މި އަހަރަށް މަޖިލިސް ހުޅުވޭނީ އަންނަ މަހުއެވެ.



ކިޔުންތެރިންގެ ހިޔާލު