ދާދިފަހުން ކުރިޔަށް ގެންދިޔަ އައްޑޫ ރެފަރެންޑަމް
ދާދިފަހުން ކުރިޔަށް ގެންދިޔަ އައްޑޫ ރެފަރެންޑަމް
ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ އެކު، އެކަމާ ގުޅޭ ގޮތުން ނަގަންޖެހޭ ރައްޔިތުންގެ ފެންނަ ނުފެނަ ވޯޓު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާ އެކު ނަގަން ސަރުކާރުން ނިންމައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޤާނޫނުއަސާސީއަށް ބަދަލު ގެނަސް ދެ އިންތިހާބު އެއްކޮށްލަން މަޖިލިހުން ފާސްކުރި ނަމަވެސް އެކަން ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ޖެހޭނެއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރެފަރެންޑަމްގެ ވޯޓުވެސް ނެގުމަށެވެ.

ސަރުކާރުން މިވިސްނުން ގެންގުޅެނީ ޚަރަދު ކުޑަކޮށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން މިނޫހަށް ޙިއްސާކޮށްފައިވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހުއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނެފައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެ ކަމަށެވެ.

ސަރުކާރުގެ ވިސްނުން މިގޮތަށް ހުރިއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ޤާނޫނު އަސާސީއަށް މިއަދު ހުށަހެޅި އިސްލާހުގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ ޑިސެމްބަރު 1 އިން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށެވެ. އެހެންކަމުން މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ޑިސެމްބަރު 1، 2028 އަަށް ހަމަވާނެއެވެ.

އަދި މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ހަމަވެ، މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބުކުރާ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު 1 ގައި ކަމަށްވެސް އިސްލާޙުގައިވެއެވެ.

ދެއިންތިޚާބު އެއްކޮށްލުމުގެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވަނީ، އެ ބަދަލު ގެނައުމުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމާމެދު އިދިކޮޅު ސިޔާސީ ފަރާތްތަކުން ތަފާތު ޚިޔާލުތައް ފާޅުކުރަށްވަމުން ދިޔަ ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރުގެ އެނިންމުމަށް ތާއީދު ކުރަށްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު