ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީ ބާއްވަން ޤާނޫނު އަސާސީއަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާޙު ބަލައިގެންފައިވަނީ، 46 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 5 މެންބަރުންނެވެ. މަޖިލީހުން ބިލު ބަލައިގަތުމުން ބިލުގެ ކޮމިޓީގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބިލު ވަނީ ފޮނުވައިފައެވެ. މިބިލުގެ ބަހުސް މަރުޙަލާގައި އިދިކޮޅު އެމްޑީޕީން ވަނީ މިބިލާއި ދެކޮޅުކަން ހާމަކޮށްފައެވެ.

ސަރުކާރުން ނިންމާފައިވަނީ މި އިސްލާޙު ފާސްކުރުމަށްފަހު، އެކަމާ ގުޅޭ ގޮތުން ނަގަންޖެހޭ ރައްޔިތުންގެ ފެންނަ ނުފެނަ ވޯޓު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓާ އެކު ނެގުމަށެވެ.

ޤާނޫނުއަސާސީއަށް ބަދަލު ގެނަސް ދެ އިންތިހާބު އެއްކޮށްލަން މަޖިލިހުން ފާސްކުރި ނަމަވެސް އެކަން ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ރިފަރެންޑަމަކަށް ދާން ޖެހޭނެއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރެފަރެންޑަމްގެ ވޯޓުވެސް ނެގުމަށެވެ.

ސަރުކާރުން މިވިސްނުން ގެންގުޅެނީ ޚަރަދު ކުޑަކޮށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ކަމަށް މަޢުލޫމާތު އެނގޭ ފަރާތަކުން މިނޫހަށް ޙިއްސާކޮށްފައިވެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އޭޕްރީލްމަހުގެ ހަތަރުވަނަ ދުވަހުއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަމަލުކުރަން ފެށި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގައި ބުނެފައިވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަންވާނެ ކަމަށެވެ.

ސަރުކާރުގެ ވިސްނުން މިގޮތަށް ހުރިއިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލަން ޤާނޫނު އަސާސީއަށް މިއަދު ހުށަހެޅި އިސްލާހުގައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ އުމުރަކީ ޑިސެމްބަރު 1 އިން ފެށިގެން ފަސް އަހަރު ދުވަސް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށެވެ. އެހެންކަމުން މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ޑިސެމްބަރު 1، 2028 އަަށް ހަމަވާނެއެވެ.

އަދި މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އުމުރު ހަމަވެ، މަޖިލިސް އުވުމާއެކު، އަލަށް އިންތިހާބުކުރާ މަޖިލިހުގެ ފުރަތަމަ ޖަލްސާ ބާއްވާނީ ޑިސެމްބަރު 1 ގައި ކަމަށްވެސް އިސްލާޙުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު