އީރާނުގެ މުޒާހަރާތަށް ވަރަށް ހޫނު
އީރާނުގެ މުޒާހަރާތަށް ވަރަށް ހޫނު
ސަރުކާރާ ދެކޮޅަށް އިރާނުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެގައުމުން ކުރަމުންދާ މަސައްކަތްތަކަށް، ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރުގެ ސަބަބުން ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. މި އިންޒާރަށް އިތުރު ބާރެއް ލިބިގެންދިޔައީ، އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ކަމަށް މަސްދަރުތަކުން ބުނެއެވެ.

ޖެނުއަރީ 3 ވަނަ ދުވަހު އެމެރިކާގެ ސްޕެޝަލް ފޯހުން މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ނިއުޔޯކަށް ގެންދިއުމުގެ އެއް ދުވަސް ކުރިން، ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި އިންޒާރެއް ދެއްވާފައެވެ. އެއީ އިރާނުގެ ލީޑަރުން މުޒާހަރާގެ ބައިވެރިން މަރާނަމަ، އެމެރިކާއިން އެމީހުންގެ ސަލާމަތަށް ދާނެ ކަމުވެ އިންޒާރެވެ. މިދިޔަ ޑިސެމްބަރު 28 އިން ފެށިގެން ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ.

އިރާނަށް އޮތް ފުރުސަތުތައް ހަނިވެފައިވަނީ ޓްރަމްޕްގެ އިންޒާރުތަކުގެ އިތުރުން، މިދިޔަ ޖޫން މަހު އިޒްރޭލާއި އެމެރިކާ ގުޅިގެން އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން 12 ދުވަހުގެ ހަމަލާތަކުގެ ސަބަބުން އިގްތިސާދީ ހާލަތު އިތުރަށް ގޯސްވުމުންނެވެ.

އިރާނަކީ "ދެން އޮތް ޝިކާރަ" އަށް ވެދާނެކަމުގެ ބިރު

އިރާނުގެ އޮފިޝަލަކު ރޮއިޓާސްއަށް ކިޔައިދިން ގޮތުގައި، ގައުމުގެ އެތެރޭގެ ހަމަނުޖެހުންތަކާއި ވޮޝިންޓަނުން ކުރިމަތިކުރާ ފިއްތުންތަކުގެ ސަބަބުން، އިރާނުގެ ލީޑަރުން ތިއްބެވީ ވަރަށް ދަތި ހާލަތެއްގައެވެ. ބައެއް އޮފިޝަލުން ބިރުގަންނަނީ ވެނެޒުއޭލާއަށް ފަހު ޓްރަމްޕްގެ އަމާޒަކަށް ވާނީ އިރާން ކަމަށެވެ.

އިރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާއިރު، މިދިޔަ އަހަރު ދިން ހަމަލާތަކުގައި އެގައުމުގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މިހާރު ކުރަމުންދާ މުޒާހަރާތަކަކީ 2022- 2023 ވަނަ އަހަރު މަހްސާ އަމީނީގެ މަރާ ގުޅިގެން ކުރި މުޒާހަރާތަކާ އަޅާބަލާއިރު ކުޑަ މުޒާހަރާތަކެއް ނަމަވެސް، މީގެ އަމާޒު ވަނީ އިގްތިސާދީ ކަންކަމުން ސިޔާސީ ކަންކަމަށް ބަދަލުވެފައެވެ. މުޒާހަރާގެ ބައިވެރިން ދަނީ "އިސްލާމީ ޖުމްހޫރިއްޔާ ނިމުމަކަށް ގެނައުމަށާއި" ސުޕްރީމް ލީޑަރު އަޔަތުالله އަލީ ޚާމަނާއީއާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިރާނުގެ އާންމު ރައްޔިތުންނާއި އިސްވެރިންގެ މެދުގައި އޮތް ފަރަގު ބޮޑުވުމާއި، އިންފްލޭޝަން މަތިވުމަކީ މުޒާހަރާތަކުގެ މައިގަނޑު ސަބަބެވެ. ޑިސެމްބަރު މަހު އިންފްލޭޝަން ހުރީ 42.5 އިންސައްތައިގައެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ސަރުކާރުން ވަނީ ޖެނުއަރީ 10 އިން ފެށިގެން ކޮންމެ މީހަކަށް މަހަކު 10 މިލިއަން ރިއާލް (ގާތްގަނޑަކަށް 7 ޑޮލަރު) ގެ އިލެކްޓްރޯނިކް ކްރެޑިޓް ކާބޯތަކެތި ގަތުމަށް ދިނުމަށް ނިންމާފައެވެ. މިއީ މަހު މުސާރައިގެ ގޮތުގައި 150 ޑޮލަރުވެސް ނުލިބޭ އާއިލާތަކަށް ކުޑަ ނަމަވެސް ލުޔަކަށް ވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު