އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާމަނިކު
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބައްޓަންކޮށްފައިވާ ގޮތުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ފަދަ އިސްލާޙުތަކަކީ ވަރަށް މިނިވަންކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައިދީގެން ކުރަންޖެހޭ ކަންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި މޫސަ ވިދާޅުވީ ޤާނޫނުއަސާސީގެ ދުސްތޫރީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ދައުރު ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމު ބަދަލުކުރުމާއި، ދައުލަތް ރަމްޒުކޮށްދޭ ޔުނިޓަރީ ނުވަތަ ފެޑްރަލް ނިޒާމަށް ބަދަލު ގެނައުމަކީ ރައްޔިތުންގެ ބަހެއް ނެތި ކުރެވޭނެ ކަންކަން ނޫން ކަމަށެވެ.

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމަށް އުނި އިތުރެއް ގެނައުމާއި، ދައުލަތުގެ ބިން ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމާއި މިލްކުކޮށްދިނުން ފަދަ ނާޒުކު މައްސަލަތަކަކީ ހަމައެކަނި ސަރުކާރުން ބޭނުންވެގެން ބަންޑާރަނައިބުގެ ޑްރާފްޓަކުން ނިންމާލެވޭނެ ކަންކަން ނޫންކަން ޤާނޫނުއަސާސީގެ 4 ވަނަ މާއްދާއިން ކަށަވަރުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މޫސަ ވިދާޅުވީ ދިވެހި ރައްޔިތަކަށް އޮތް އެއްވެސް ޙައްޤެއް ބޭރުގެ ފަރާތަކަށް ދިނުން ފަދަ ބޮޑެތި ބަދަލުތައް ގެންނަންވާނީ ވަރަށް ދެފުށް ފެންނަ އިޖުރާއާތްތަކެއްގެ ތެރެއިން ކަމަށެވެ.

އޭގެއިތުރުން މޫސަ ވިދާޅުވީ، އެފަދަ އިސްލާޙެއް ސަރުކާރުން ނުވަތަ މެންބަރަކު ހުށަހެޅުއްވި ނަމަވެސް، އެކަން ކުރިއަށްދާންވާނީ މަޖިލީހުން އެކަމަށްޓަކައި ހޮވާ ޚާއްޞަ ކޮމިޓީއަކުން އިންތިޒާމުކޮށް، ސީދާގޮތެއްގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ ބެލުމުގެ ދަށުން ނޫން ގޮތަކަށް ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފިނަމަ، އެއީ ޤާނޫނުއަސާސީގެ ބާރު ކަނޑުވާލުން ކަމަށް ބެލެވޭނެ ކަމަށާއި، އެކަން ކުރި ބަޔަކަށް އެ ކުށުގައި އަދަބު ދެވޭނެ ކަމަށްވެސް އޭނާ އިންޒާރު ދެއްވިއެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާޙް ބަލައިގަނެ މަޖިލީހުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. ސަރުކާރުގެ ފަރާތުން ބުނަމުންދަނީ މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، އިދާރީ ގޮތުން އިންތިޚާބުތައް ބޭއްވުމުގައި ހުރި ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ މި ބަދަލުގެ ސަބަބުން އިންތިޚާބީ ނިޒާމުގެ މިނިވަންކަމާއި ދެފުށް ފެންނަ މިންވަރަށް ނޭދެވޭ އަސަރުކޮށް، ރައްޔިތުންގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު