އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ)
ދޯންޏެއް ސަލާމަތްކުރުމަށް ހިންގި ރެސްކިއު އޮޕަރޭޝަނެއްގެ ތެރެއިން، އުޅަނދުގެ ކެޕްޓަނާއި ސިފައިންގެ މީހެއްގެ އިތުރުން ފުލުހަކު ކަނޑަށް ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، ކަނޑުމަތީގެ ސަލާމަތީ ގަވާއިދުތަކާއި ގާނޫނުތައް ތަންފީޒު ނުކުރެވޭނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

މިއަދު "އެކްސް" މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި މޫސަ ވަނީ، މާލޭގެ މަގުމަތީގެ ޓްރެފިކް ނިޒާމާއި ކަނޑުމަތީގެ ދަތުރުފަތުރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކަމާބެހޭ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.





އޭނާ ސުވާލު އުފެއްދެވި ގޮތުގައި، މޫސުން ގޯސްވެ ކަނޑުގަދަވާނެކަން ކުރިއާލައި އެނގެން އޮންނައިރު، ނުރައްކާތެރި ހާލަތްތަކުގައި އުޅަނދުފަހަރު ފުރުން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނޭޅެނީ ކީއްވެގެންތޯއެވެ؟ މީގެ އިތުރުން، އުޅަނދުފަހަރަށް މުދާ ބަރުކުރުމުގެ މިންގަނޑުތަކާއި (ބަރުމަރުކާ) ސަލާމަތީ ވަސީލަތްތައް ހުރިތޯ ބެލުމުގައި ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މޫސަ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނުރައްކާތެރި ހާދިސާތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރަން ނުކުންނަ ރެސްކިއު ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރާނެ ހަރުދަނާ އުސޫލުތަކެއް އޮންނަންޖެހެއެވެ. އެފަދަ އުސޫލުތައް ތަންފީޒު ނުކުރެވޭތީ އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ދައުލަތުގެ ބޮޑެތި މުސާރައާއި އިނާޔަތްތައް ނަންގަވައިގެން ތިއްބެވި ވެރިންނަށް އިޝާރާތްކުރައްވައި މޫސަ ވިދާޅުވީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގާނޫނުތައް ތަންފީޒު ކުރުމުގެ ގާބިލުކަން ނެތް ނަމަ، މަގާމުތަކުގައި ދެމިތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެހެންކަމުން، ޒިންމާ އަދާނުކުރެވޭ ފަރާތްތަކުން މަގާމުން އެކަހެރިވުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް