ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް މަޖިލީހުގެ ރިޔާސަތުގައި
ރައްޔިތުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް މަޖިލީހުގެ ރިޔާސަތުގައި
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށޭތާ 15 މިނެޓުން ނިއްމާލަނީ ކުރާނެ މަސައްކަތެއް ނެތިގެން ނޫން ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ނިންމާލަނީ ކުރާނެ މަސައްކަތެއް ނެތިގެން ނޫން ކަމަށާއި، އެއީ ވަކި ޚާއްސަ މަސައްކަތްތަކަކަށް ބާއްވާ ޖަލްސާތަކަކަށް ވާތީ ކަމަށެވެ.

އެގޮތުން މިހާރު ކުރިއަށްދާ ޖަލްސާތަކަކީ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ޖަލްސާތަކެއްކަން ފާހަގަކުރަށްވައި އަބުދުއްރަހީމް ވިދާޅުވީ މި ޖަލްސާތަކަކީ މަޖިލީހުގެ 30 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން، ވަކި ކަންތައްތަކެއް ނިންމުމަށް ބާއްވާ ޖަލްސާތަކެއް ކަމަށެވެ.

"މިއަދުގެ އެޖެންޑާގައި ހުރި މަސައްކަތްތައް އެއްކޮށް އަޅުގަނޑުމެންނަށް މިވަނީ ނިންމާލެވިފައި. އިތުރު މަސައްކަތެއް މިއަދު ކުރާކަށް އެޖެންޑާ ކުރެވިފައެއް ނެތް. މީގެ މާނައަކީ ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ވާހަކައެއް ނޫން." މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އަބްދުއްރަހީމް ވިދާޅުވީ މިއަދުގެ ޖަލްސާ 15 މިނެޓު ތެރޭގައި ނިންމާލަން ޖެހުނީ، ހުށަހެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން މިވަގުތަށް ނިންމެން ހުރި ކަންކަން ނިމުމުން ކަމަށެވެ. އަދި ބާކީ ހުރި މަސައްކަތްތައް މިހާރު ކުރިއަށްދަނީ ކޮމިޓީ މަރުހަލާގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީޑިއާތަކުން މިކަން ރިޕޯޓްކުރާއިރު ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވަމުން ރައީސް އަބުދުއްރަހީމް ވިދާޅުވީ، މިއީ މަޖިލީހުގެ އާންމު ޖަލްސާއެއް ނޫން ކަމަށާއި، މިއީ ވަކި ޚާއްސަ މަސައްކަތްތަކަކަށް މެންބަރުން ހުށަހަޅުއްވައިގެން ބާއްވާ ޖަލްސާއެއްކަން ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

"މިއަދު 15 މިނެޓު ތެރޭގައި ޖަލްސާ ނިންމާލި ވާހަކަ މީޑިއާގައި ލިޔާނެކަން އެނގޭތީ، މިއީ ކީއްވެގެން ވީކަމެއްކަން އޮޅުންފިލުވައިދިނުމަކީ މީޑިއާއަށް ޚަބަރު ފެތުރުމުގައި ފަސޭހަވާނެ ކަމެއް ކަމަށް ދެކެން." އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުން ބޭރުން މި ޖަލްސާތައް ބާއްވަމުން މިދަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވައި، މަޖިލީހުގެ ދައުރު ކުރުކުރު ކުރުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށާއި، ޤާނޫނުލް ޢުޤޫބާތުގައި ޖުވާ ކުޅޭ މީހުންނަށް ޚާއްސަކޮށް ދޭނެ އަދަބުތައް ބަޔާން ކުރުމަށާއި،، އެޗްއާރުސީއެމްގެ ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރުމަށެވެ.

އެގޮތުން މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެޗްއާރުސީއެމްގެ ރައީސް ކަމަށް ޑރ.އާއިޝަތު ރަމީލާ އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މަޖިލިސް ޗުއްޓީގައި އޮއްވާ މިހާރު ބާއްވާ ޖަލްސާތަކަކީ ގާނޫނު އަސާސީ އާއި ހިލާފަށް ބާއްވަމުން ގެންދާ ޖަލްސާތަކެއް ކަމަށް ނިއްމައި އެޖަލްސާތަށް އިދިކޮޅު އެމްޑީޕީން ވަނީ ބޮއިކަޓްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު