ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބޮޑެތި ކުށްތަކަށް އެތައް ސަތޭކަ އަހަރެއްގެ ޖަލު ހުކުމް އިއްވަމުންދާ ދިއުމާ ގުޅޭގޮތުން، ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މުހިންމު ތަފްސީލުތަކެއް ހާމަކުރަށްވައިފިއެވެ.

ޝަމީމް މިކަން ފާހަގަކުރެއްވީ، އޭނާގެ ޕީޖީ ކަމުގެ ދައުރުގައި ކޯޓަށް ހުށަހެޅި ބައެއް މައްސަލަތައް މިދިޔަ ޑިސެމްބަރު މަހު ނިމި، ހަނީސަކްލް ޙުސައިން ޝިފާޢުގެ މައްޗަށް 159 އަހަރުގެ ޖަލު ޙުކުމަކާއި، ޙަސަން މަމްދޫޙުގެ މައްޗަށް 397 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާ ގުޅިގެން އާންމުން އުފައްދާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

އެގޮތުން ޝަމީމްގެ އަމިއްލަ ބްލޮގް ގައި އޭނާ ވިދާޅުވީ، 1981 ވަނަ އަހަރުން ފެށިގެން އަމަލުކުރި ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ކޮންމެ ކުށަކަށްވެސް ދެވޭ އެންމެ ބޮޑު އަދަބަކީ 25 އަހަރު ކަމަށެވެ. ނަމަވެސް، 2004 ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން، 2014 ވަނަ އަހަރު އަމަލުކުރަން ފެށި އައު ގާނޫނުލްއުގޫބާތާއެކު މި ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގެ ނިޒާމުގައި އެއް ހާދިސާއެއްގައި ކިތަންމެ ގިނަ ކުށެއް ކުރި ނަމަވެސް ދައުވާ ކުރަނީ އެންމެ ބޮޑު ކުށަށެވެ. މިސާލަކަށް، މީހަކު ރާވައިގެން ގެއަކަށް ވަދެ، މީހަކަށް އަނިޔާކޮށް، ތިޖޫރީ ފަޅާލައި ވައްކަން ކުރި ނަމަވެސް، ކުރިން ދައުވާ ކުރަނީ ހަމައެކަނި ވައްކަމުގެ ކުށަށެވެ. އެ ކުށް ސާބިތު ނުވެއްޖެނަމަ، އެހެން ހުރިހާ އަމަލެއް ސާބިތުވިޔަސް އެމީހާ ސަލާމަތްވެއެވެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް މިކަމުގެ މިސާލެއްގެ ގޮތުން ދެއްކެވީ 1988 ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއެވެ. އެ ދުވަހު 19 ދިވެހިން ޝަހީދުކޮށް، ގައުމުގެ މިނިވަންކަން ނަގާލައި، މީހުން ކިޑްނެޕްކޮށް، މުދަލަށް ބޮޑެތި ގެއްލުން ދިން ނަމަވެސް، އޭރުގެ ނިޒާމުގެ ތެރެއިން ދެވުނު އެންމެ ބޮޑު އަދަބަކީ 25 އަހަރެވެ. އައު ގާނޫނުލްއުގޫބާތުގެ ދަށުން ނަމަ، ހަމައެކަނި 19 މީހުން މެރުމުގެ ކުށަށްވެސް 475 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގެ ނިޒާމަކީ ކުށެއް ކުރަންޏާ ފިސާރި ރަނގަޅަށް، ފިސާރި ބޮޑަށް ކުށްކުރަން ބާރުއަޅާ ނިޒާމެއް." ޝަމީމް ލިޔުއްވާފައިވެއެވެ.

އައު ގާނޫނުލްއުގޫބާތުގައި ވަކިވަކި ކުށްތަކަށް އޮންނަ އަދަބު ކުޑަވި ނަމަވެސް، ކޮންމެ އަމަލަކަށް ވަކިން ދައުވާކޮށް އަދަބު އެއްކޮށްލުމުން، އިންސާފުވެރި ޒިންމާދާރު އަދަބެއް ކަނޑައެޅޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ޝަމީމް ވިދާޅުވި ގޮތުގައި އެހެން މީހަކަށް ގެއްލުމެއް ނުލިބޭ ގޮތަށް ކުރެވޭ "އާދަވާ ކުށްތަކަށް" (ހެބިޗުއަލް ކްރައިމްސް) އަދަބު ދިނުމުގައި ތަފާތެއް ގެންގުޅެން ޖެހެއެވެ. މިސާލަކަށް، މަސްތުވާތަކެތި ތަކުރާރުކޮށް ބޭނުންކުރި ނަމަވެސް، އެއީ އެހެން މީހަކަށް އަނިޔާވެރިވާ ކުށްތަކާ އެއްދަރަޖައެއްގައި ބެލިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެފަދަ ކުށްތަކުގައި އަނިޔާވެރި ކުށްތަކާ ތަފާތު އުސޫލެއް ގެންގުޅުމުގެ މުހިންމުކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު