ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް
މާލޭގެ ސޯސަންމަގުގައި ދިރިއުޅޭ މީހުންނަށް މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ ފައިރަޝް ކިޔާ މީހެއްގެ ފަރާތުން ލިބެމުންދާ ތުރާލާއި އުނދަގުލުގެ މައްސަލައަށް، މިހާރު ޢަމަލުކުރަމުންދާ ޤާނޫނީ ނިޒާމުގެ ތެރެއިން ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ދާއިމީ ޙައްލެއް ހޯދައިދެވެން އެބައޮތް ކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމްގެ އަމިއްލަ ބްލޮގުގައި ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވީ، މި މައްސަލައަށް ޙައްލު ނުލިބި ދޮޅުއަހަރު ވެގެން، ވޭތުވެދިޔަ އޮކްޓޯބަރު 17 ވަނަ ދުވަހު ފުލުހުންގެ އިދާރާ ކުރިމަތީގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ބޭންކް އޮފް މޯލްޑިވްސްގެ ސީނިއަރ މަޤާމެއްގައި ހުރި މުޙައްމަދު ސަޢީދަށް މަޖުބޫރުވީ ދައުލަތުގެ އެކި މުއައްސަސާތަކުގައި ޝަކުވާކޮށް، ގޮތް ހުސްވެގެން ކަމަށެވެ.

މި މައްސަލައިގައި ދައުލަތުގެ ކަމާބެހޭ ވެރިންނާއި އިދާރާތަކުން އެކަކު އަނެކަކަށް ޒިންމާ ދައްކަމުންދާކަން ފާހަގަކުރަށްވައި ޝަމީމް ވިދާޅުވީ، ހޯމް މިނިސްޓަރު ހޯއްދަވައި ދެއްވި ޙައްލަކީ ފައިރަޝް ހައްޔަރުކުރުން ކަމަށާއި، ނަމަވެސް އެއީ މީގެ ކުރިން ތިރީހަކަށް ފަހަރު ހައްޔަރުކޮށްފައިވާ މީހަކަށްވުމުން، ހައްޔަރުކުރުމަކީ ޙައްލެއް ނޫންކަން އޭނާ ހިންމަފުށީ ރިހެބުން ފިލުމުން ސާފުވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އާދައިގެ ވެއިޓަރުންގެ ކިބައިގައި ހުންނަ ފަދަ "ޚިދުމަތް ދިނުމުގެ ސަޤާފަތް" ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ކިބައިގައި ނެތުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޝަމީމް ވިދާޅުވީ، ސަޢީދު ޙިއްޞާކޮށްފައިވާ ވީޑިއޯތަކުން ފައިރަޝް ފުޅިއަކުން މީހެއްގެ ގައިގައި ޖަހާ މަންޒަރާއި ޢައުރަ ކަޝްފުކުރާ މަންޒަރު ފެންނައިރު، އެއީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށް ތަކުރާރުވުމާއި ކުށުގެ ޙާލަތަށް ބަލައި ކޮންމެ މައްސަލައެއްގައި 3 މަސްދުވަހުގެ ޖަލު އަދަބެއް ދެވިދާނެ ކަންކަން ކަމަށެވެ. އަދި ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ 86 އިންސައްތަ ސާބިތުވާތީ، އޭނާގެ 30 މައްސަލައިގައި ވަކިވަކިން ދަޢުވާ އުފުލައިފިނަމަ މަދުވެގެން 25 މައްސަލަ ސާބިތުވެ، މަދުވެގެން 6 އަހަރަށް އޭނާ ޖަލަށްލުމުގެ ފުރުޞަތު އެބައޮތް ކަމަށް ޝަމީމް ވިދާޅުވިއެވެ.

"މި މައްސަލަތަކުގައި ހެކިބަސް ދޭންތިބި މީހުންނާ ވާހަކަ ދައްކައި، ކޯޓުތަކާވެސް ވާހަކަ ދައްކައިގެން ވަކި ތަރުތީބަކުން މައްސަލަތައް ނިންމަމުން ގެންދިއުމުން، ހައެއްކަ މަހެއްހައި ދުވަހުގެ ތެރޭގައި ފައިރަޝްގެ މައްސަލައަށް ޙައްލެއް ހޯދެން އެބައޮތް." ޝަމީމް ވިދާޅުވިއެވެ.

މީގެއިތުރުން، ފައިރަޝް ރަނގަޅުވެ، މުޖްތަމަޢަށް އަންނަން ބޭނުންނަމަ ޕީޖީ އޮފީހާއެކު ނަޞޭޙަތުގެ ނުވަތަ އިޢުތިރާފުގެ އެއްބަސްވުމެއް ހަދައި، ކައުންސިލިންގ ހޯދައިގެން މުޖްތަމަޢަށް ރުޖޫޢަވުމުގެ ފުރުޞަތުވެސް މިހާރު އޮތް ޤާނޫނުގެ ތެރެއިން ލިބިދެވޭނެ ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. ޤާނޫނީ ޢިލްމުވެރިންގެ ދައުރަކީ ހަމައެކަނި ލިޔެފައި އޮންނަ އެއްޗެއް ކިޔުމުގެ ބަދަލުގައި، އޮތް ވަޞީލަތްތައް ބޭނުންކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމްގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ، އަމަންއަމާންކަން ޤާއިމުކުރުމަކީ ހަމައެކަނި ދައުލަތުގެ ބާރު ހިނގާ ކަމަކަށްވާއިރު، އެ ޚިދުމަތް ރައްޔިތުންނަށް ފުރިހަމައަށް ނުލިބި ރައްޔިތުން "ހޯޕްލެސް" ވެއްޖެނަމަ، ގޭންގުތަކާއި އެނޫންވެސް ފަރާތްތަކުގެ އެހީ ހޯދަން މަޖުބޫރުވެ، ޤާނޫނުގެ ބޭރުން ކަންކަން ހިންގާ ނުރައްކާތެރި ސަޤާފަތެއް އުފެދުމެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމަށްވެސް ޝަމީމް ވަނީ އިންޒާރު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް