ގާނޫނީ ވަކީލް އާދަމް ޝަމީމް
ގާނޫނީ ވަކީލް އާދަމް ޝަމީމް
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސް ވެރިޔާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް މިއަދު އައްޔަންކުރަށްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަވިއު މަރުހަލާއިން އެންމެ މަތިން މާކްސް ހޯއްދެވީ ދ. މާއެނބޫދޫ، މަލާޒް، އާދަމް ޝަމީމް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 10 ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ.

އާދަމް ޝަމީމަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކުގެ ޝަރީއަތްތަކުގައި އެމަނިކުފާނުގެ ދިފާއީ ވަކީލުންގެ ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން، އާދަމް ޝަމީމް އެންމެ ފަހުން ފުރުއްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަމްޖަދު މުސްތަފާ، މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމުން އިސްތިއުފާ ދެއްވި ފަހުން އަމްޖަދު މިހާރު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމަށް އައްޔަން ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް