ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް
ހުޅުމާލޭ ފޭސް 2 އިން އަޙްމަދު ޒާހިރަށް 1،250 އަކަފޫޓުގެ ބިމެއް 468،750 ރުފިޔާއަށް ވިއްކުމަށް ހައުސިންގ މިނިސްޓްރީން ނިންމި ނިންމުމާއި، އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި އިދާރީ އަދި ޤާނޫނީ ސީރިއަސް މައްސަލަތަކެއް ހުރިކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޭނާގެ އަމިއްލަ ބްލޮގްގައި ޝާއިޢުކުރެއްވި ލިޔުމެއްގައި، މި މައްސަލައިގައި ދައުލަތުން ޢަމަލުކޮށްފައިވާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ގިނަ ސުވާލުތަކެއް ވަނީ އުފައްދަވާފައެވެ.

ޝަމީމް ފާހަގަކުރެއްވި ފުރަތަމަ މައްސަލައަކީ، ސަރުކާރުގެ ރަސްމީ ނޫސްބަޔާން މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުނުކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގައި އެކަނި އާންމުކުރުމެވެ.

ދިވެހި ދައުލަތުގެ ރަސްމީ މުޢާމަލާތްތައް އަމިއްލަ ކުންފުނިތަކުގެ ވިޔަފާރި ޕްލެޓްފޯމްތަކަށް ބަރޯސާވުމަކީ ޤައުމީ ސަލާމަތަށާއި މައުލޫމާތު އާކައިވްކުރުމަށް އޮތް ނުރައްކަލެއް ކަމަށާއި، ސަރުކާރުގެ ރަސްމީ ޚަބަރުތަކާއި ބަޔާންތައް ހުންނަންވާނީ ދައުލަތުގެ އަމިއްލަ ވެބްސައިޓުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޝަމީމް ފާހަގަކުރެއްވީ، ބަންޑާރަ ބިމެއް ސަރުކާރަށް ނުވަތަ އެހެން ފަރާތަކަށްވެސް "ވިއްކުމަކީ" ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ދަންނަ ކަމެއް ނޫން ކަމެވެ.

ބިމެއް ވިއްކޭނީ އެ ބިން އަމިއްލަކުރުމަށްފަހު ކަމަށްވާއިރު، އަޙްމަދު ޒާހިރަށް ބަންޑާރަ ގޯއްޗެއް ވިއްކަން ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި 23 އަހަރުވީ މައްސަލައަކަށް ޙައްލެއް ހޯދައިދިނުމުގެ ނަމުގައި މިފަދަ ނިންމުމެއް ނިންމިއިރު، އަމަލުކުރި އުޞޫލާއި މިންގަނޑު ސާފުނުވާތީ، މިއީ ދެފުށް ފެންނަ ނިންމުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރޯލާމެދު ސަރުކާރަށް އޮޅުންއަރާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. މައްސަލައިގައި އުޞޫލާ ޚިލާފަށް ކަމެއް ހިނގާފައިވޭތޯ ބަލައިދިނުމަށް އެދި އޭސީސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވީ ނަމަވެސް، އޭސީސީއަކީ ސަރުކާރަށް ޤާނޫނީ ލަފާދޭ ތަނެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ޤާނޫނީ ލަފާދިނުމުގެ މަސްއޫލިއްޔަތު އޮތީ ބަންޑާރަނައިބަށް ކަމަށާއި، ވަކިވަކި މައްސަލަތަކުގައި އޭސީސީން ލަފާދީފިނަމަ، ފަހުން އެ މައްސަލައެއް އިންޞާފުވެރިކޮށް ތަޙްޤީޤުކުރުމުގެ ފުރުޞަތު އެ ކޮމިޝަނަށް ގެއްލިގެންދާނެ ކަމަށް ޝަމީމް ބަޔާންކުރެއްވިއެވެ.

ޙުސައިން ޝަމީމް ވިދާޅުވި ގޮތުގައި، 2003 ވަނަ އަހަރު ސަރުކާރުން އަޙްމަދު ޒާހިރަށް ގޯއްޗެއް ދިނުމަށް ނިންމި ނިންމުން ތަންފީޒުކޮށް އޭނާގެ ޙައްޤު ހޯދައިދިނުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، އެކަން ކުރަންވާނީ އިދާރީ އަދި ޤާނޫނީ މައްސަލަތައް ނުއުފެދޭނެ ގޮތަށް، ރަނގަޅު އުޞޫލުތަކުގެ ތެރެއިން ކަމަށާއި، ނޫންނަމަ އެއީ އޭނާއަށް ލިބޭ އިތުރު ގެއްލުމަކަށް ވެގެންދާނެ ކަމަށް ޝަމީމް އިޝާރާތް ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް