މާސް
މާސް
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އިންސްޓޭންޑަޑްސް އެންޑް ޓެކްނޮލޮޖީގެ ފިޒިސިސްޓުން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، މާސްގައި ހުންނަ ގަޑިތައް ދުނިޔޭގެ ގަޑިތަކަށްވުރެ އަވަހަށް ހިނގައެވެ. މިއީ މުސްތަގުބަލުގައި އިންސާނުން މާސްއަށް ކުރާ ދަތުރުތަކާއި އެ ތަނުގައި މުވާސަލާތީ ނިޒާމުތައް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ސައިންސްވެރިންގެ ހިސާބުތަކުން ދައްކާ ގޮތުގައި، މާސްގައި ހުންނަ ގަޑިއެއް ދުނިޔޭގެ ގަޑިއަކަށްވުރެ ދުވާލަކު އެވްރެޖްކޮށް 477 މައިކްރޯސެކަންޑް (ސިކުންތެއްގެ މިލިއަނުން އެއްބައި) އަވަހަށް ހިނގައެވެ. މި ތަފާތު އަންނަނީ އަލްބަޓް އެައިންސްޓައިންގެ "ތިއަރީ އޮފް ރިލޭޓިވިޓީ" ގައި ބުނާ ފަދައިން، ގްރެވިޓީ ނުވަތަ ދަމާ ބާރު ކުޑަވުމުގެ ސަބަބުންނެވެ. މާސްގެ ދަމާ ބާރު ދުނިޔެއަށްވުރެ ފަސް ގުނަ ކުޑަވުމުން އެ ތަނުގައި ވަގުތު ހިނގާލެއް އަވަސްވަނީއެވެ.

ނަމަވެސް، މާސްގެ އޯބިޓް ހުންނަ ގޮތުން އިރުގެ ދަމާ ބާރު ފޯރާ މިންވަރު ބަދަލުވާތީ، މި ތަފާތު އަހަރުގެ އެކި ދުވަސްވަރު 226 މައިކްރޯސެކަންޑަށްވުރެ އިތުރު ނުވަތަ މަދުވެދާނެއެވެ. މާސްގެ ދުވަހަކާއި އަހަރެއްގެ ދިގުމިން ވެސް ދުނިޔެއާ ތަފާތެވެ.

މާސްގެ ދުވަހެއް ދުނިޔޭގެ ދުވަހަކަށްވުރެ 40 މިނެޓް ދިގުވާއިރު، މާސްގެ އަހަރެއް ނިމެނީ ދުނިޔޭގެ 687 ދުވަހުންނެވެ. އެހެންކަމުން، މާސްގައި ވަގުތު ބަލާނެ ސީދާ އުސޫލެއް ކަނޑައެޅުމަކީ މުސްތަގުބަލުގައި އެ ޕްލެނެޓަށް ފޮނުވާ ރޯވާތަކާއި، ސެޓަލައިޓްތަކުގެ މެދުގައި މުވާސަލާތީ ގުޅުން ބަދަހިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މިހާރު ވެސް ދުނިޔެއާއި މާސްއާ ދެމެދު މެސެޖެއް ފޮނުވުމަށް 4 މިނެޓާއި 24 މިނެޓާ ދެމެދުގެ ވަގުތެއް ނަގާއިރު، މިފަދަ ސީދާ ވަގުތު އެނގުމަކީ މި ލަސްވުންތައް ކުޑަކޮށް، "ސޯލާ ސިސްޓަމް އިންޓަނެޓް" އެއް އުފެއްދުމަށް މަގުފަހިވާނެ ކަމެކެވެ.

މި ދިރާސާގެ މުހިންމުކަމާ ގުޅޭގޮތުން އެންއައިއެސްޓީގެ ފިޒިސިސްޓް ބީޖުނާތު ޕަޓްލާ ވިދާޅުވި ގޮތުގައި، މާސްގައި ވަގުތު ހިނގާ ގޮތް އެނގުމަކީ އެހެން ޕްލެނެޓްތަކަށް އިންސާނުން ފެތުރިގަތުމަށް ކުރާ މަސައްކަތުގެ ބިންގަލެވެ.

މިއީ ހަމައެކަނި ސައިންސް ފިކްޝަން ފިލްމެއްގެ މަންޒަރެއް ނޫން ކަމަށާއި، މިއީ ކުރިމަތީގައި އޮތް ހަގީގަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ ކުރިން މި ޓީމުން ވަނީ ހަނދުގައި ވެސް ވަގުތު ހިނގާ މިންވަރު ދިރާސާކޮށްފައެވެ. އެ ގޮތުން ހަނދުގައި ހުންނަ ގަޑިތައް ދުނިޔެއަށްވުރެ ދުވާލަކު 56 މައިކްރޯސެކަންޑް އަވަހަށް ހިނގާކަން ވަނީ ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު