ރައީސް ޔާމީން
ރައީސް ޔާމީން
ވޭޕް މަނާކުރުމަށްފަހު، ރާއްޖޭގެ މައި ޕޯޓު ބޭރުގެ ކުންފުންޏަކަށް ވިއްކާލައިގެން ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖެއަކީ މަސްތުވާތަކެތީގެ ހަބަކަށް ހެދުމަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ބޭއްވި ޓައުން ހޯލް ބައްދަލުވުމެއްގައި ބުރާސްފަތި ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދުބާއީ ވޯލްޑަށް ރާއްޖޭގެ މައި ޕޯޓު ވިއްކާލުމުގެ "ސިއްރު" ޑީލްތަކެއް ސަރުކާރުގެ އިސްވެރިން ނިންމާފައިވާ ކަމަށާއި، މި ވާހަކަ ރައްޔިތުންނާ ހަމައަށް ތިލަވުމުން ސަރުކާރުން މިހާރު ތެޅިގަނެގެން އެކަމުގެ ދިފާއުގައި ވާހަކަ ދައްކަމުންދާ ކަމަށެވެ. އެގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޕްރޮޕޯސަލެއް ހިފައިގެން ތަނަކަށް ދިޔުމަކީ އެތަނެއް ވިއްކާލުން ނޫން ކަމަށް ބުނެ މިނިސްޓަރު އޮޅުވާލަން މަސައްކަތް ކުރެއްވި ނަމަވެސް، ހަމަ ހުރެފައި ސަރުކާރަކުން ޕްރޮޕޯސަލް ހިފައިގެން ނުދާނެ ކަމަށާއި އެހެން އެކަން އޮންނަ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެހެން ބަޔަކަށް ހުށަހަޅަން ވެސް ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމްޕީއެލްއާ އެކު މައި ޕޯޓު ބޭރު ބަޔަކަށް ދޫކޮށްލުމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުމަށް ހުޅުވޭ ދޮރެކެވެ.

ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން މިއީ ޓްރާންސިޓް ބަނދަރަކަށް ވެފައި، ޓްރެފިކިންގެ މަންޒިލަކަށް ރާއްޖެ ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދޭން ސަރުކާރުން ކުރަމުންދާ މަސައްކަތަކަށް ވެސް ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ ހަނިމާދޫ އެއާޕޯޓާ އެކު މުޅި އުތުރު، އިންޑިއާގެ އަތްމައްޗަށް ދޫކޮށްލީ ސަރުކާރުން ގަސްތުގައި ކަމަށެވެ. ރައީސް ޔާމީން ވަނީ ސަރުކާރުން ބޮޑެތި ދޮގުތައް ހަދައި ރައްޔިތުންނަށް ކަންކަން އޮޅުވާލަމުންދާ ކަމަށް ވިދާޅުވެ، މިފަދަ ނިންމުންތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު