ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
އީފާސް ނެތުމަކީ އިންތިހާބަށް ކުރިމަތި ނުލެވެންޖެހޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށްޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން "މައި ޕޯޓަލް"ގެ ނަމުގައި ޕޯޓަލް އެއް އިފްތިތާހު ކުރުމާ ގުޅިގެންނެވެ. ކެންޑިޑޭޓުން ޕޯޓަލްއަށް ލޮގިންވާންޖެހޭނީ އަމިއްލަ އީފާސް އެކައުންޓް މެދުވެރިކޮށެވެ.

މިފަހަރުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުން، އެ ދާއިރާއަކުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 50 މީހުންގެ ތާއިދު ހޯދަންޖެހޭނީވެސް މި ޕޯޓަލް މެދުވެރިކޮށް ކަމަށް އީސީން ވަނީ ބުނެފައެވެ.

މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ‏އީފާސް ނެތުމަކީ އިންތިޚާބަށް ކުރިމަތި ނުލެވެންޖެހޭ ސަބަބަކަށް ވެގެން ނުވާނެ ކަމަށާއި، އޮންލައިންކޮށްވެސް އަދި ހާޑް ކޮޕީ ހުށަހަޅައިގެންވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރި ވެވެންޖެހޭ ކަމަށެވެ.

މިނިވަން ކެންޑިޑޭޓުން ހޯދަންޖެހޭ 50 މީހުންގެ ތާއީދުވެސް އީފާސް މެދުވެރިކޮށް ހޯދުމަކީ ޕްރެކްޓިކަލް ކަމެއް ނޫންކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން މިކަން ބަދަލު ކުރަން ޖެހޭ ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު