އީރާން މުޒާހަރާތައް
އީރާން މުޒާހަރާތައް
މިހާރު އީރާނުގައި ކުރިއަށްދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ ހޮސްޕިޓާތައް މަރުވެފައިވާ މީހުންނާއި އަނިޔާވި މީހުންނުން ފުރި، ހިދުމަތް ދިނުމަށް ނުކުޅެދޭ މިންވަރަށް ހާލަތު ގޯސްވެފައިވާ ކަމަށް ބީބީސީން ރިޕޯޓްކޮށްފިއެވެ.

ތެހެރާނުގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މެޑިކަލް އޮފިސަރަކު ބުނި ގޮތުގައި، މަރުވެފައިވާ ގިނަ ޒުވާނުންގެ ހަށިގަނޑުން ފެންނަން ހުރީ ސީދާ ބޮލަށާއި ހިތަށް އަމާޒުކޮށް ޖަހާފައިވާ ވަޒަންތަކުގެ ނިޝާންތަކެވެ. އަދި ވެރިރަށް ތެހެރާނުގެ ލޮލުގެ ހާއްސަ ހޮސްޕިޓަލެއް މިހާރު އޮތީ "ކްރައިސިސް މޯޑް" ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ.

އީރާނުގެ ސިއްހީ ހިދުމަތްތެރިން ބީބީސީއަށް ކިޔައިދިން ގޮތުގައި، މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެފައިވަނީ އަސްލު ވަޒަނާއި ޕެލެޓް ބޭނުންކޮށްގެން ދީފައިވާ ހަމަލާތަކުންނެވެ.

ރަޝްތު ސިޓީގެ ޕޫރްސީނާ ހޮސްޕިޓަލަށް އެކަނިވެސް ހުކުރު ދުވަހުގެ ރޭ 70 މީހުންގެ ހަށިގަނޑު ގެނެވުނުއިރު، މޯޗަރީ ފުރިގެން ބައެއް ހަށިތައް ނަމާދުކުރާ ކޮޓަރީގައި ބަހައްޓަން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، މަރުވި މީހުންގެ ހަށިތައް އާއިލާތަކާ ހަވާލުކުރުމަށްޓަކައި އީރާނުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، އީރާނުގެ ރައްޔިތުން މިހާރު މިސްރާބު ޖަހާފައިވަނީ މިނިވަންކަމާ ދިމާލަށް ކަމަށާއި، އެމެރިކާ އޮތީ އެހީތެރިވާން ތައްޔާރަށް ކަމަށެވެ. ނަމަވެސް އީރާނުން ތުހުމަތުކުރާ ގޮތުގައި، ސުލްހަވެރި މުޒާހަރާތައް ހަރުކަށި ހަރަކާތްތަކަކަށް ބަދަލުކޮށްލީ އެމެރިކާގެ ނުފޫޒުންނެވެ. އެމެރިކާއިން ވަނީ މުޒާހަރާގެ ބައިވެރިން މަރަމުންދާނަމަ އަސްކަރީ ރައްދެއް ދީފާނެކަމުގެ އިންޒާރުވެސް ދީފައެވެ.

އިގްތިސާދީ ދަތިތަކާ ގުޅިގެން ތެހެރާނުން ފެށުނު މި މުޒާހަރާތައް މިހާރު ވަނީ އީރާނުގެ 100 އަށްވުރެ ގިނަ ސިޓީއަށް ފެތުރިފައެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. އީރާނުން އިންޓަނެޓްގެ ހިދުމަތް މެދުކަނޑާލާފައިވުމުގެ ސަބަބުން ސީދާ މައުލޫމާތު ހޯދުމަށް ދަތިތަކެއް ހުރި ނަމަވެސް، ފެންނަން ހުރި މަންޒަރުތަކުން ދޭހަވަނީ ހާލަތު ވަރަށް ނުރައްކާތެރިވެފައިވާ ކަމެވެ.



ކިޔުންތެރިންގެ ހިޔާލު