އިމިގްރޭޝަންގެ މުވައްޒަފުން-
އިމިގްރޭޝަންގެ މުވައްޒަފުން-
ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ކުރިންނާއި އަދި އެނބުރި ރާއްޖެ އައުމުގެ ކުރިން، މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތައާރަފުކުރި މި ހިދުމަތާއެކު، ބިދޭސީންނަށް ވިސާ ދޫކުރުމުގެ އުސޫލުތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ޖަހާފައިވާ މުއްދަތު ހަމަނުވާ ވޯކް ވިސާއެއް އޮތް ނަމަވެސް، ރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮވެގެން ކަމަށެވެ.

އަދި އަލަށް ރާއްޖެ އަންނަ ބިދޭސީންގެ އަތުގައި ދާޚިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ 'އެންޓްރީ ޕާސް' އެއް އޮންނަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ބިދޭސީންގެ ވޯކް ވިސާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވިސާއަށް ބަދަލުވުމުން، އެ ވިސާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވެފައިވާ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

އިމިގްރޭޝަނުން ބުނީ އީ-ވިސާގެ ސައްހަކަން އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ކަށަވަރު ކުރެވޭނެ ކަމަށެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އިމިގްރޭޝަންގެ ހޮޓްލައިން ނަންބަރު 1434 ނުވަތަ ކަނޑައެޅިފައިވާ އެހެން ނަންބަރުތަކަށް ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު