މަދަނީ އަބްދުﷲ
މަދަނީ އަބްދުﷲ
ޝަރުތު ހަމަނުވާ ނާގާބިލު ކުންފުންޏަކަށް ގޭސް ޝިޕްމަންޓެއް އޯޑަރުކޮށް، މޯލްޑިވްސް ގޭހުން 250,000 އެއްހާ ޑޮލަރު (ގާތްގަނޑަކަށް 5 މިލިއަން ރުފިޔާ) ދައްކާފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދުގެ އިރުޝާދުގެ މަތިން ކަމަށް ތުހުމަތުވާ މައްސަލައެއް އޭސީސީން ބަލަން ފަށައިފިއެވެ.

މި ފައިސާ ގެއްލިފައިވަނީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ޖަކްސާ އެނަރޖީ ޓްރޭޑިންގ ކުންފުންޏަށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދިން 800,000 ޑޮލަރުގެ އޯޑަރަކާ ގުޅިގެންނެވެ. މި އޯޑަރަށް އެޑްވާންސްގެ ގޮތުގައި ދެއްކި 246,645 ޑޮލަރު ވަނީ އަނބުރާ ނުލިބި ގެއްލިފައެވެ.

މޯލްޑިވްސް ގޭސްގެ ވެންޑަރ ރަޖިސްޓްރޭޝަން ގަވާއިދު ބުނާގޮތުން، އެ ކުންފުންޏަށް މުދާ ފޯރުކޮށްދޭ ކުންފުނިތަކަކީ އަހަރީ އާމްދަނީ 5 މިލިއަން ޑޮލަރަށް ވުރެ މަތި، އަދި ފާއިތުވި ދެ އަހަރުގެ އޯޑިޓް ފައިނޭންޝަލް ސްޓޭޓްމަންޓް ހުށަހަޅާފައިވާ ކުންފުނިތަކަކަށް ވާންޖެހެއެވެ. ނަމަވެސް، ޖަކްސާ އެނަރޖީއަށް 2023 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ އެންމެ 1.4 މިލިއަން ޑޮލަރެވެ. މިއީ ގަވާއިދުގައި ބުނާ މިންގަނޑަށް ވުރެ 3.6 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

މީގެ އިތުރުން އެ ކުންފުނީގެ ސާފު ފައިދާއަކީވެސް އެވަރުގެ ބޮޑު ޝިޕްމަންޓެއް ފޯރުކޮށްދެވޭނެ ފަދަ މާލީ ގާބިލުކަމެއް ހުރި މިންވަރެއް ނޫންކަން ލިޔެކިޔުންތަކުން ދައްކައެވެ. އަދި މި ކުންފުނި މޯލްޑިވްސް ގޭސްގެ ވެންޑަރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު ދެއްވި ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން ދާއިރު، މި މައްސަލައާ ގުޅިގެން މޯލްޑިވްސް ގޭސްގެ ބޯޑުން މިހާރު ވަނީ ގޭސް އިމްޕޯޓް ކުރުމުގެ އެންމެހާ ކަންކަން ވަގުތީ ގޮތުން އެސްޓީއޯގެ ދަށަށް ބަދަލުކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް މި މައްސަލަ ފެންމަތިވެފައިވާއިރު، ބައެއް މެންބަރުން ވަނީ މި ފައިސާއަކީ ޖުވާ ކުޅެގެން ގެއްލުނު ފައިސާ ކަމަށް ތުހުމަތު ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު