ރައީސް ޔާމީން
ރައީސް ޔާމީން
ދިވެހިރާއްޖޭގެ އިގްތިސާދު އޮތީ "ވެންޓިލޭޓަރުގައި" ކަމަށް ވިދާޅުވެ، ގައުމުގެ އިގްތިސާދީ ހަރަކާތްތައް ހިނގަން ފަށައިފި ނަމަ އެމެރިކާ ޑޮލަރުގެ އަގު 25 ރުފިޔާއަށް އުފުލިގެންދާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިންޒާރު ކުރަށްވައިފިއެވެ.

ޕީއެންއެފްއިން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ޑޮލަރުގެ އަގު ވަކި މިންވަރެއްގައި ހިފެހެއްޓިފައި ވަނީ ގައުމުގެ އިގްތިސާދީ މަސައްކަތްތައް ހުއްޓިފައި އޮތުމުން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާގެ ރޭޓުން ލިބެން ހުރީ ޑޮލަރަށް އޮތް ޑިމާންޑް ދަށްވުމުގެ ސަބަބުން ކަމަށެވެ. އަދި ގައުމުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި، ރިއަލް އެސްޓޭޓްގެ މަސައްކަތްތަކާއި، ވިޔަފާރީގެ އެހެނިހެން ހަރަކާތްތައް އަލުން ފަށައިގަނެ، އިގްތިސާދު ހަރަކާތްތެރިވާން ފަށައިފި ނަމަ، މުދާ އިމްޕޯޓް ކުރުމަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް އިންތިހާއަށް އުފުލިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އެފަދަ ހާލަތެއްގައި ޑޮލަރުގެ އަގު 25 ރުފިޔާއަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ނަމަވެސް އެއީ ރައްޔިތުންނަށް އުފުލޭނެ ތަކުލީފެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ހަމައެއާއެކު ރައީސް ޔާމީން ވިދާޅުވީ، މިއަދު ރާއްޖޭގެ ގިނަ ވިޔަފާރިތައް ހުރީ ހުއްޓިފައި ކަމަށާއި، ބޭރުން މުދާ އެތެރެކުރުންފަދަ ކަންކަމަށް ޑޮލަރު ބޭނުންވަނީ ވަރަށް މަދު މިންވަރަކަށް ކަމަށެވެ.

އަދި މި ހާލަތުގައިވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 20.20 ރުފިޔާގައި ހުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން، އިގްތިސާދީ ދުވެލި ބާރުވެއްޖެ ނަމަ ޑޮލަރުގެ ތާށިކަން މިއަށްވުރެ ބޮޑުވާނެ ކަމަށް ރައީސް ޔާމީން އަންދާޒާ ކުރަށްވާފައިވެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރި 20.20 ރުފިޔާއަކީ ފަހުގެ ތާރީޚެއްގައި ޑޮލަރުގެ އަގު އުފުލިފައިވާ އެންމެ މަތީ ރޭޓެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ޑޮލަރުގެ ރޭޓް މައްޗަށް ނާރާނެ ކަމަށާއި، ޑޮލަރުގެ އަގު ދަނީ ދަށަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު