ރައީސް ޔާމީން
ރައީސް ޔާމީން
މިއަދުގެ ރައްޔިތުންގެ މަޖިލީހަކީ އެހެން މީހުންގެ މައްސަލަތައް ބަލައި، ފަސްބައި ދޮވެވޭ ވަރަށް ވުރެ ހާލަތު ދެރަ ބައެއް ކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ރައީސް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މަޖިލީހުގެ އެކި ކޮމިޓީތަކުން ދައުލަތުގެ މުއައްސަސާތަކާއި އެ ތަންތަނުގެ ވެރިންގެ މައްސަލަތައް ބަލަމުންދާ ދިއުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މަޖިލީހުގައި އެހެން މީހުންގެ މައްސަލަ ބަލަން ތިއްބެވި މެންބަރުންނަކީވެސް ފަސްބައި ސާފު ބައެއް ނޫން ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ޔާމީން ވަނީ ފުލުހުންގެ މުއައްސަސާގެ ވެރިންތަކެއްގެ މައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބަލަމުންދާ ދިއުމަށް މިސާލު ޖައްސަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ކޮންމެ މުއައްސަސާއެއްގެ ތެރޭގައިވެސް ހިންގުމުގެ ކަންކަމުގައި ދިމާވާ މައްސަލަތައް ބެލުމަށް ޚާއްސަ ކޮމިޓީތަކެއް އުފައްދާފައި ހުންނާނެ ކަމަށެވެ. އެހެންކަމުން، އެފަދަ ކަންކަމުގެ ތެރެއަށް ރައްޔިތުންގެ މަޖިލީހުން ވަދެ ނުފޫޒު ފޯރުވުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީން ވިދާޅުވީ މިހާރު ރާއްޖޭގައި "ޖަސްޓިސް" (އިންސާފު) ބަދަލުވެފައިވަނީ "ޖަސްޓު އައިސް" އަށް ކަމަށެވެ. މި ސަރުކާރުގެ ތެރޭގައި އިންސާފާއި ހަމަހަމަކަން ނެތްކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން، ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ކަންކަން ހިނގަމުންދާ ގޮތާމެދު އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު