މަރްޔަމް ނަހްދާ ވަޙީދު   13 ޖެނުއަރީ 2026 - 16:9
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުالله
މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުالله
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله، އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ޢަބްދުއްރަޙީމްގެ މި ދަތުރުފުޅަކީ ކޮމަންވެލްތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅަކީ މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް މަޖިލީހުން ވަނީ ބުނެފައެވެ.

މި ދަތުރުފުޅުގައި ޢަބްދުއްރަޙީމާ އެކު އައްޑޫ ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ އަޙްމަދު ނިހާން ޙުސައިން މަނިކާއި ސީނިއާ ފޮރިން ރިލޭޝަންސް އޮފިސަރު، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.

އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ޢަބްދުއްރަޙީމް ވަޑައިގަންނަވަނީ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލައި، މި ހިނގާ ވިހިވަނަ މަޖިލިސް ކުރުކޮށްލާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު