ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް
ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސް
ގޭގައި ކެނަބިސް ގަސް ހައްދައިގެން އުޅުނު ދިވެއްސަކު 100 އަހަރަށް ޖަލަށް ލުމަށާއި، 4 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މޭ 13، 2023 ގައި ގ. ރިމިނީ ގެއަށް ފުލުހުން ގޮސްފައިވަނީ، އެ ސަރަހައްދުން ކެނަބިސް ގަހެއް ފެނިގެން ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އަދި އެތަނަށް ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު އައިސް އެއީ އޭނާގެ އެއްޗެއް ކަމަށް އެއްބަސްވި ކަމަށާއި، ގޭގައި ވެސް އިތުރު ގަސްތަކެއް ހުންނާނެ ކަމަށް ބުނި ކަމަށް ދައުވާގައިވެއެވެ.

އޭގެފަހުން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރުމުން، ބެލްކަނިން ހަތަރު ގަސް ފެނިފައިވާއިރު ކޮޓަރިން އިތުރު ދެ ގަސް ފެނިފައިވެއެވެ. އެގޮތުން އެތަނުން ފެނުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނަކީ، 300 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލާގައި ޔާސިހްގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ، މަސްތުވާތަކެތި އުފެއްދުމުގެ ކުށުގެ ދައުވާއާއި، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ، ރާއްޖެއަކީ ކެނަބިސް ލިބެން ހުރި ގައުމެއް ނޫން ކަމަށާއި، ޔާސިހަށް އެގަސްތައް ލިބުން ގޮތަކާއި ހެއްދި ބޭނުމެއް ވެސް ކޯޓުގައި ބުނެދެވިފައިނުވާ ކަމަށެވެ. އެހެންކަމުން ހަތަރު ދައުވާ ވެސް ޔާސިހުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 31 ގައި ވަނީ ކަނޑައަޅާފައެވެ.

އަދި ކޮންމެ ދައުވާއަކަށް ވަކިވަކިން 25 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާ ކޮށްފައިވާއިރު، ކުށުގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ހޭދަކުރި ދެ އަހަރާއި ހަތް މަސް އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަން ޖެހޭނީ 98 އަހަރުގެ ޖަލު ހުކުމެއް ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު