މި އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ޖުމްލަ 1،356 މެންބަރުން އިންތިޚާބު ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މިފަހަރުގެ އިންތިޚާބުގައި ކައުންސިލްތަކުގެ 225 ދާއިރާއަކުން 678 މެންބަރުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުން އިންތިޚާބު ކުރަންޖެހޭ ކަމަށެވެ.

އިންތިޚާބުގެ އިދާރީ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ވޯޓުލުން ކުރިއަށްދާނީ އޭޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި ގުދުރަތީ ކަމެއް ދިމާވެގެން ނޫން ގޮތަކަށް ވޯޓުލުމުގެ ވަގުތު އިތުރު ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294،937 މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

ވޯޓު ފޮށިތަކުގެ ތަފްސީލަށް ބަލާއިރު، އަތޮޅުތަކުގެ ރަށްރަށުގައި 321 ފޮށި އަދި މާލެ ސަރަހައްދުގައި 240 ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 50 ފޮށި، ޖަލުތަކުގައި 5 ފޮށި، އަދި ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި ބަހައްޓާނެއެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯ އާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައެވެ.

ކައުންސިލްތަކަށް މެންބަރުން އިންތިޚާބުކުރާ ގޮތަށް ބަލާއިރު، ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 މެންބަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރެއިން 132 ރަށެއްގައި 3 މެންބަރުންގެ ކައުންސިލެއް އޮންނައިރު، 46 ރަށެއްގައި އޮންނާނީ 5 މެންބަރުންގެ ކައުންސިލެކެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދާ އެއްވަރަށެވެ.



ކިޔުންތެރިންގެ ހިޔާލު