ތައިލެންޑްގެ ބެންކޮކްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް މުބާރާތުގައި މިއަދު ކުޅުނު މެޗުތަކުން ނޭޕާލާއި ޕާކިސްތާން މޮޅުވެއްޖެއެވެ. ނޭޕާލުން ސްރީ ލަންކާގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޕާކިސްތާނުން ވަނީ ފަހަތުން އަރައި 4-2 އިން ބޫޓާން ބަލިކޮށް މުބާރާތުގައި އެނބުރި އައުން ވަރުގަދަކޮށްފައެވެ. މި ނަތީޖާއާއެކު، ފުރަތަމަ މެޗުގައި 3-3 އިން އެއްވަރުވި ބޫޓާނާއި ލަންކާ އަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.

ނޭޕާލާއި ލަންކާ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ލަންކާއިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ކުރްޝީދު މުހައްމަދު ޝަޖާންއެވެ. ނަމަވެސް 15 ވަނަ މިނިޓްގައި ނޭޕާލްގެ ސަރޯޖް ޓަމަންގް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓް ތެރޭގައި ސަރޯޖް ވަނީ އިތުރު ލަނޑެއް ޖަހައި ނޭޕާލަށް ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ. މެޗުގެ ފަހުބައިގައި ލަންކާއިން ނަތީޖާ އަނބުރާލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ނޭޕާލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ދުވަހުގެ ދެވަނަ މެޗުގައި ޕާކިސްތާނުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި ބޫޓާން ބަލިކޮށްފައެވެ. ފުރަތަމަ މެޗުގައި ރާއްޖެ އަތުން 7-1 އިން ބަލިވި ޕާކިސްތާނަށް މިއަދުގެ މެޗުގެ ފެށުން ދިޔައީ އުނދަގޫކޮށެވެ. ފުރަތަމަ ހާފުގައި ފަސް ފައުލު ހަމަވުމުން ލިބުނު ދުރު ޕެނަލްޓީއަކުންނާއި، އޭގެ ފަހުން އުފެއްދި ރަނގަޅު އެޓޭކަކުން ބޫޓާނުގެ ޑަވާ ޝެރިން ވަނީ ދެ ލަނޑު ޖަހައި އެ ޓީމަށް ބޮޑު ލީޑެއް ހޯދައިދީފައެވެ. ނަމަވެސް ދެވަނަ ހާފުގައި ޕާކިސްތާނުން ކުޅުން ރަނގަޅުކޮށް، މުޅި މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ.

ޕާކިސްތާނުން މެޗުގެ ނަތީޖާ އަނބުރާލީ ސެޓްޕީސްތަކުންނާއި މޮޅު އެޓޭކިންގް ކުޅުމެއްގެ އެހީގައެވެ. ހިލޭ ޖެހުމަކުން މުހައްމަދު ހައްސާން ޒަފަރު ޚާން ފުރަތަމަ ލަނޑު ޖެހިއިރު، ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އާސިފް އަހުމަދު ޗޯދަރީ ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕާކިސްތާނަށް މެޗުން މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު އާދަން އަޝްފާގުއެވެ. އޭނާ ވަނީ ފަހު ހާފުގައި ދެ ލަނޑު ޖަހައި ޕާކިސްތާނަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މި މުބާރާތުގައި މިއަދު ދެން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. ރާއްޖެ ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދާފައިވާއިރު، ބަންގްލަދޭޝް ވަނީ ފުރަތަމަ މެޗުގައި އިންޑިއާއާ 4-4 އިން އެއްވަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު