އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ކަސްގަންޖް ޑިސްޓްރިކްޓްގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ އާއިލާއިން ރަހުމްކުޑަގޮތަކަށް މަރާލައި، ހަށިގަނޑު އަންދާލަން އުޅެނިކޮށް ފުލުހުން ހުއްޓުވައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ކުއްޖާ އެ ރަށުގެ 18 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ފިލައިގެން ދިއުމާ ގުޅިގެން، އާއިލާގެ އަބުރަށް ހުތުރުވި ކަމަށް ބުނެ ހިންގި "އޮނާ ކިލިންގް" ނުވަތަ އަބުރުގެ ދިފާއުގައި މީހުން މެރުމުގެ އަމަލެއްގެ ގޮތުގައެވެ.

ފުލުހުން ބުނި ގޮތުގައި، މި ދެމީހުން ފިލައިގެން ދިޔަތާ ދުވަސްކޮޅެއް ފަހުން އާއިލާއިން އެމީހުން ހޯދައިގެން އަނބުރާ ރަށަށް ގެނައީ މިދިޔަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ރަށަށް ގެނައުމަށްފަހު ދެމީހުން ވަކި ދެ ގެއެއްގައި ބަންދުކޮށް، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަންހެން ކުއްޖާ މަރާލުމަށްފަހު، ކުށުގެ ހެކި ނައްތާލުމުގެ ގޮތުން އޭނާގެ ހަށިގަނޑު އަންދާލަން އުޅެނިކޮށް، ފުލުހުންނަށް މިކަން އެނގުނީ އާދީއްތަ ދުވަހުގެ ހެނދުނު އެ ރަށުގެ މީހަކު ދިން މައުލޫމާތަކާ ގުޅިގެންނެވެ. ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާންގަނޑު ނިއްވާލުމަށްފަހު، ކުއްޖާގެ ހަށިގަނޑުގެ ބާކީ ހުރި ބައިތައް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ފޮނުވާފައެވެ.

މި މައްސަލައާ ގުޅިގެން ކަސްގަންޖްގެ އެޑިޝަނަލް އެސްޕީ ސުޝީލް ކުމާރު ވިދާޅުވީ، އަންހެން ކުއްޖާގެ އާއިލާގެ މެންބަރުން މިހާރު ތިބީ ފިލައިގެން ކަމަށާއި، އެމީހުން ހޯދުމަށް ތިން ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން އެމީހުންގެ ގެއަށް ދިޔައިރު ގެ ހުރީ ތަޅުލާފައި ކަމުން، ގެއަށް ވަދެފައިވަނީ ތަޅު ހަލާކުކޮށްލައިގެންނެވެ. މިހާތަނަށް މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ސުވާލު ކުރަމުންދާއިރު، އޭގެ ތެރޭގައި އެ ފިރިހެން ކުއްޖާ އާއި އޭނާގެ ބޭަބެ ހިމެނެއެވެ. މި މައްސަލަ އިންޑިއާގެ އާ ޖިނާއީ ގާނޫނު، ބާރަތިޔާ ނިޔާޔާ ސަންހިތާ ގެ ދަށުން ތަހުގީގު ކުރަމުންދާ ކަމަށާއި، ކުށްވެރިވާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު