މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލޭ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރައްޔިތުން މިއަދު އެދެމުންދަނީ އެމްޑީޕީގެ ވެރިކަމަކަށް ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރަށްވާ ކެންޑިޑޭޓު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި އެމްޑީޕީގެ މާލެ ދާއިރާގެ ރައީސް އާޒިމް އެމްޑީޕީގެ މާލެސީޓީ މޭޔަރު ޓިކެޓް ކަށަވަރު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

ޕްރައިމަރީގެ ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މިއަދުގެ ސިޔާސީ މާހައުލަށް ބަލާއިރު ރައްޔިތުން އަލުން އެމްޑީޕީގެ ސިޔާސަތުތަކަށް ބޭނުންވެފައިވާ މިންވަރު ހާމަވާ ކަމަށެވެ. އަދި އޭނާގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ބާއްވާ ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދީ، އެ ހަކަތައިގައި ގޮސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީގެ ވެރިކަމެއް އަލުން ގާއިމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އާޒިމް ވިދާޅުވީ، މި ޕްރައިމަރީން އޭނާއަށް ލިބުނު ކާމިޔާބީއަކީ މުޅި ޕާޓީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި މާލޭގެ މޭޔަރުކަމާއި، ކައުންސިލްގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ހޯދުމަށްޓަކައި ޕާޓީގެ ހުރިހާ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއެކު ބުރަ މަސައްކަތުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އެމްޑީޕީން ދަނީ މި އިންތިޚާބަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު