ރީކޯ މޫސާ މަނިކު
ރީކޯ މޫސާ މަނިކު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރިކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ވިދާޅުވަމުން މޫސަ ވިދާޅުވީ ވޭތުވެދިޔަ ނުވަދިހަ ވަރަކަށް ދުވަހު މުޅި ރާއްޖޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓި، ރައްޔިތުންގެ މެދުގައި އެންމެ ގިނައިން ދެކެވުނު ސިޔާސީ ވާހަކައަކީ އެމްޑީޕީގެ ވާހަކަތައްކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީގެ އަޑު ގަދަކޮށް އިވެމުންދާނެ ކަމުގެ ޔަގީންކަން މޫސަ ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ، މިހާރު ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް ހޯދާނެ ކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު، އިއްޔެ ބޭއްވި އެމްޑީޕީގެ މާލޭސިޓީގެ ޕްރައިމަރީ މިހާރުގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެެ. އިންތިހާބުގައި އާދަމް އާޒިމް ވަނީ 1411 ވޯޓު ހޯއްދަވައިފަ އެވެ. އެއީ 57.9 ޕަސެންޓު ވޯޓެވެ. އޭނާ އާއި ވާދަކުރެއްވި އަލީ އާޒިމްއަށް ލިިބިވަޑައިގަތީ 962 ވޯޓެވެ. އެއީ 39.5 ޕަސެންޓު ވޯޓެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އެމްޑީޕީން ދަނީ މި އިންތިޚާބަށް ވަރަށް ވަރުގަދައަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު