އީސީގެ ރައީސް ޒާހިދު
އީސީގެ ރައީސް ޒާހިދު
އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ 3:30ގެ ނިޔަލަށް އެ އިންތިހާބުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެމީހަކު އަމިއްލައަށް އެމީހެއްގެ އީފާހުންނެވެ.

އީސީން ބުނީ، އަމިއްލަ ގޮތަށް އިންތިޚާބަށް ހުށަހަޅާނަމަ 50 މީހުންގެ ތާޢީދު އޮތްތޯ ބެލުމުގެ ކަންކަންވެސް ކުރިޔަށްދާނީ ޕޯޓަލް ތެރެއިން ކަމަށެވެ. އެގޮތުން ތާއީދު ކުރާ ކަމަށްބުނާ މީހާގެ ނަމާއި އައިޑީ ނަމްބަރު ޖެހުމުން، އެމީހާއަށް މެސެޖެއްދާނެ ކަމަށާއި، އެމީހާ އެކަން އެކްސެޕްޓް ކުރުމުން، 50 މީހުން ހަމަވަމުންދާތަން ކެންޑިޑޭޓަށް ޕޯޓަލް އިން ފެންނާނެ ކަމަށް އީސީން ބުނެފައިވެއެވެ.

ހަމައެއާއެކު ސިޔާސީ ޕާޓީއަކުން ކުރިމަތިލާނަމަ ޕާޓީން ކުރިމަތިލާ ކެންޑިޑޭޓެއްގެ ގޮތުގައި ފޯމު ފުރުން ކުރިއަށް ގެންދެވޭނެ ކަމަށާއި، ނަމަވެސް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓްގެ ފޯމު ފުރިހަމަ ކުރެވޭނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް، އެ މީހަކީ އެ ޕާޓީގެ ކެނޑިޑޭޓެެއް ކަމަށް އެ ޕާޓީން އެކްސެޕްޓް ކުރުމަށް ފަހުގައި ކަމަށް އީސީން ބުނެފައިވެއެވެ.

އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 15:30 އަށެވެ. އަދި ހުކުރު ދުވަހު 15:30 އިން 18:00 އަށް ޕޯޓަލް މެދުވެރިކޮށް ފޯމް ބަލައިގަންނާނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ޖުމްލަ 1356 މެންބަރުން އިންތިޚާބު ކުރާނެއެވެ.

އޭގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރާ 678 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އިންތިޚާބުކުރާ 678 މެންބަރުން ހިމެނެއެވެ. މިއިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު